މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ ބިލު ރައްޔިތުންގެ މަޖިލީހުން ބަލައިގަނެ، ދިރާސާކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް 49 މެމްބަރުން ވަނީ މިއަދުގެ މަޖިލީހުގައި ވޯޓު ދެއްވާފައެވެ. ބަލައިގަންނަން ނުފެންނަ ކަމަށް ވޯޓުދެއްވީ 12 މެމްބަރުންނެވެ.
މަޖިލީހުން މި ބިލު ބަލައިގެންފައި މިވަނީ އެކަމާ ދެކޮޅަށް ނޫސްވެރިން އިހުތިޖާޖުކޮށް، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން އާއި މޯލްޑިވްސް މީޑިއާ ކައުންސިލުން ވެސް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށްނެވެ.
އަމިއްލަގޮތުން ވާދަކުރައްވާ، ރަައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރުކަމަށް އިންތިހާބުވެވަޑައިގެންނެވި އަބްދުލް ހަންނާން އަބޫބަކުރު، އޮގަސްޓް 17 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ހުށަހެޅުއްވި މި ބިލާއި ގުޅިގެން ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ބިލު މިހާރު ފަރުމާކޮށްފައިވަނީ، ގާނޫނު އަސާސީން ލިބިދީފައިވާ ނޫސްވެރިކަމުގެ ހައްގާއި އެއާ ގުޅިފައިވާ އެހެނިހެން ހައްގުތައް ވަރަށް ބޮޑަށް ހަނިކޮށް ކަމަށް ދަނީ ބުނަމުންނެވެ.
މީގެއިތުރުން އެ ބިލުގެ ތެރެއިން ނޫސްވެރިކަމުގެ މިނިވަންކަން ގެއްލި، ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސް އެޅި، ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމަށް ވެސް ހުރަސް އެޅޭ ކަމަށް ބުނެ މޯލްޑިވްސް މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި އެއީ އެއްވެސް އިރެއްގައި ކުރެއްވި އަދި ކުރައްވާނެވެސް ކަމެއް ނޫންކަމަށެވެ. އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އެކަމުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާކަމަށާއި އެކަން މަޖިލީހުގައި ތިއްބަވާ، ވެރިކަން ހިންގަވާ ޕާޓީގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވާ ވިދާޅުވީ އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ. އަދި މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައި ވެސް ވަނީ ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ އޮންނަންވާނީ ފުރިހަމަ މިނިވަންކަމާއެކު، ދެފުށް ފެންނަ، ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭގޮތަށް ކަމަށެވެ.
މި ބިލުގައި ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ ނަމަ، އެ ނޫހެއް ނުވަތަ މަޖައްލާއެއް 5000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރުމާއި، މީޑީއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރީން 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވަނީ ބުނެފައެވެ. އަދި މީޑިއާތަކުން އިންތިހާބުކުރާ މެންބަރުން ވަކިކުރުމުގެ ބާރު ވެސް މަޖިލީހަށް ލިބެއެވެ.