ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ބާލާ މުދަލުން ދެން ޑިއުޓީ ނުނަގާނެ ކަމަށް އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ކުޅުދުއްފުށީ ޕޯޓުގެ ޚިދުމަތް ފުޅާކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތްތަކުގެ ތެރެއިން ޕޯޓުން ފޯރުކޮށްދޭނެ އިތުރު ޚިދުމަތްތަކެއް އިފްތިތާޙްކުރުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މިގޮތުން ވަޒީރުގެ ވާހަކަފުޅުގައި ވިދާޅުވީ ކުޅުދުއްފުށީ ބަނދަރުގެ ޚިދުމަތް ފުޅާކުރުމުގެ ސަބަބުން ވިޔަފާރިކުރުމުގެ ކޭޝްފްލޯ އިތުރު އެހެން ކަންކަމަށް ބޭނުންކުރުމުގެ ފުރުޞަތު ފަހިވެގެންދާނެ ކަމަށެވެ.
މީގެއިތުރުން ކުޅުދުއްފުށީގައި ކެއިންބުއިމަށް ބޭނުންކުރާ ޒަރޫރީ ހުރިހާ ސާމާންތަކާއި ޑްރައި ގުޑްސް، ފްރޯޒަން ގުޑްސް، ރެސްޓްރިކްޓެޑް ގުޑްސް، ޖެނެރަލް ކާގޯއާއި ބަލްކް ކާގޯ ރައްކާތެރިކަމާއެކު ސްޓޯކުރުމުގެ ވަސީލަތް ގާއިމްކުރެވިގެންދިޔައީ ކަމަށާއި ކުރިއަށް އޮތް ތަނުގައި މިކަން ދާނީ އިތުރަށް ތަރައްގީކުރެވެމުން ކަމަށް ވެސް ވިދާޅުވިއެވެ.
މިނިސްޓަރ ސަޢީދު ވަނީ ކުރިއާ ޚިލާފަށް ރާއްޖޭގެ ހަމައެކަނި އެސެންޝަލް، ކްރިޓިކަލް ކޮންސިއުމަރ މުދަލަށް ވަކި އިންޑެކްސްއެއް ގާއިމްކުރެވި އަގުތައް ބެލެހެއްޓޭނެ ގޮތްތައް ހަމަޖެހިގެން ހިނގައްޖެކަން ފާހަގަކުރައްވާފައެވެ.