ޚަބަރު ރާއްޖެ

މީޑިއާ ބިލުގައި ކަންބޮޑުވުންތައް އެބަހުރި، ގައުމީ ފެންވަރުގެ ދިރާސާއެއް މުހިންމު: ބްރޯޑްކޮމް

ފޮޓޯ: މަޖިލިސް އިދާރާ

މީޑިއާ ރެގިއުލޭޓް ކުރުމަށް އައު ކޮމިޝަނެއް ހެދިޔަސް ބަޖެޓާއި ވަސީލަތްތައް ނުލިބޭ ނަމަ ގާނޫނު ތަންފީޒު ނުކުރެވޭނެކަމުގައި މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

 

އެ ކޮމިޝަނުން މިފަދައިން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޮތް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ބެހޭގޮތުން މަޝްވަރާކޮށް، ހިޔާލު ހޯދުމަށް އެ ކޮމިޓީން ބްރޯޑްކޮމްގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި ބްރޯޑްކޮމްގެ ރައީސް ސަފާ ޝަފީގްއެވެ.

 

އެކަމަނާ ފުރަތަމަ ވެސް ވަނީ، އެ ބިލު ޑްރާފްޓްކުރުމުގެ މަރުހަލާގައި ކަމާބެހޭ އެއްވެސް ފަރާތަކާ މަޝްވަރާ ކުރިންތޯ އާއި ކަމާބެހޭ އެއްވެސް ދިރާސާއެއް ކޮށްފައިވޭތޯ ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސެއިން ރިޒާ އާ ސުވާލުކުރައްވާފައެވެ. މުގައްރިރު ވިދާޅުވީ އެ ބިލު މަޖިލީހަށް ހުށަހެޅުއްވީ އަމިއްލަ މެންބަރެއް ކަމަށެވެ.

 

ސަފާ އިތުރަށް ވިދާޅުވީ ޑްރާފްޓިންގ ޕްރޮސެސްގައި ކަމާބެހޭ ފަރާތްތަކު ހިޔާލު ހޯދުމެއްނެތި، ދިރާސާއެއް ނުކޮށް، މިފަދަ ބިލެއް މަޖިލީހަށް ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި މިއީ ހުރިހާ ފަރާތްތަކާ ގުޅުންހުރި ބިލެއްކަން ފާހަގަކުރައްވާ ވިދާޅުވީ މިފަދަ ބިލެއް ހުށަހަޅާއިރު، ގައުމީ ފެންވަރުގެ ދިރާސާއެއް ހެދުން މުހިންމު ކަމަށެވެ.

 

"ސަރުކާރުގެ ސިޔާސަތަކީ ވެސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅަކީވެސް ކަންކަން ނިންމުމުގެ ކުރިން ފުޅާދާއިރާއެއްގައި ދިރާސާކުރުން."

 

ބްރޯޑްކޮމްގެ ރައީސް ވިދާޅުވީ އެ ބިލުގައި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާކުރާ އަދަދުތައް ކަނޑައަޅާފައިވަނީ ދިރާސާއެއް ނުކޮށް ކަމަށާއި ނޫސްވެރިންނަށް މުސާރަ ލިބޭވަރާއި މީޑިއާތަކުގެ އާމްދަނީއަށް ބަލައިގެން އެ އަދަދުތައް ކަނޑައަޅަން ޖެހޭ ކަމަށެވެ. އަދި އެހެން ގައުމުތަކުގަައި މީޑިއާ ރެގިއުލޭޓް ކުރަން އޮންނަ ގޮތް ދިރާސާކޮށް ރާއްޖެއަށް އެންމެ އެކަށޭނަ ގޮތަކީ ކޮބައިތޯ ވެސް ބަލަންޖެހޭކަމުގައި ވިދާާޅުވިއެވެ.

 

މީގެއިތުރުން ސެލްފް ރެގިއުލޭޓަރީ ނިޒާމަކާ ގުޅޭ ގޮތުން ވެސް ފުޅާ ދާއިރާއެއްގައި ބަހުސް ކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވިއެވެ. އަދި މިހާރު ހުށަހަޅާފައިވާ ބިލުގައި ވެސް އަޅަން ހުރި ވަރަށް ގިނަ ފިޔަވަޅުތަކާއި ކަންކަމަކީ ބްރޯޑްކޮމްގެ ގާނޫނުގައި މިހާރު ވެސް ހިމަނާފައިވާ ކަންކަން ކަމުގައި ފާހަގަކުރެއްވިއެވެ.

 

ސަފާ ވިދާޅުވީ އެކޮމިޝަނަށް އެކަންކަން ތަންފީޒު ނުކުރެވެނީ ބަޖެޓާއި ވަސީލަތްތައް މަދުވުމުން ކަމަށެވެ. އެހެންކަމުން އައު ކޮމިޝަނެއް ހެދިޔަސް ބަޖެޓާއި ވަސީލަތްތައް ނުލިބޭ ނަމަ ގާނޫނު ތަންފީޒު ނުކުރެވޭނެކަމަށް ވިދާޅުވިއެވެ.

 


  • ނޫސްވެރިން
  • ބްރޯޑްކޮމް
  • އެމްއެމްސީ
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް