ބިލުގެ މާއްދާތައްހުރީ ނޫސްވެރިކަމުގެ ހައްގު ހަނިކޮށް، ނޫސްވެރިކަމުގެ މިނިވަންކަން ގެއްލޭ ގޮތަށް ކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ބުނެފިއެވެ.
އެމްއެމްސީން މިފަދައިން ބުނީ މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލާ ބެހޭގޮތުން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެމްއެމްސީގެ މެންބަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެމްއެމްސީން ވިދާޅުވީ މި ބިލު މިހާރު އޮތް ގޮތުން ނޫސްވެރިކަމުގެ އަސާސްތައް ހިފެހެއްޓުމަށް ހުރަސްއެޅޭނެ ކަމަށެވެ. އަދި އެ ބިލް ޑްރާފްޓް ކުރުމުގައި އެ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނާ ވެސް މަޝްވަރާ ކޮށްފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން އެ ބިލް މަޖިލީހުން ބޭރުކޮށް، އައު ބިލެއް އުކުލަވާލުމަށް ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާކުރުމަށް އެ އިދާރާ އިން ވަނީ އެދިފައެވެ. އަދި މި ބިލާ މެދު ހުރި ކަންބޮޑުވުންތައް ފާޅުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރެއްވުމަށް އެދިފައިވާނެކަމުގައި ވެސް ވިދާޅުވިއެވެ.
މީގެއިތުރުން ބިލުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއެޅޭ ގިނަ މާއްދާތަކެއް ހުރިކަން ފާހަގަކޮށް ރަނގަޅު ދިރާސާއެއްކޮށް، ކަމާގުޅޭ ހުރިހާ ފަރާތްތަކާ މަޝްވަރާކޮށްގެން ބަންޑާރަނައިބު އަލުން ބިލެއް ހުށަހެޅުމަށް އެމްއެމްސީން ހިޔާލުދީފައި ވެއެވެ.
އެމްއެމްސީން ވަނީ މިހާރު އޮތް ބިލަށް ބަދަލުތަކެއް ގެނެސްގެން ކުރިއަށް ގެންގޮސްފި ނަމަ، ފަހުންލިބޭ އަންނާނޭ ގޮންޖެހުން މާ ބޮޑުވާނެކަން ވެސް ފާހަގަކުރައްވާފާއެވެ.