ޚަބަރު ރާއްޖެ

ނޭޕާލާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރާއްޖެއާއި ނޭޕާލާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

 

އެމަނިކުފާނު މި ޔަގީންކަން ދެއްވީ އެގައުމުގެ ބޮޑުވަޒީރު ރައިޓް ކޭ.ޕީ. ޝަރްމާ އޮލި އާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

 

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގެ ހަވާސާގައި ބޭއްވެވި މިބައްދަލުވުން އޮތީ ޓިއާންޖިން މެއިޖިއާންގ ކޮންވެންޝަން ސެންޓަރުގައެވެ. މިބައްދަލުވުމުގައި ދެބޭފުޅުން ވަނީ ދެގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.

 

މީގެއިތުރުން ތައުލީމީ ދާއިރާއާއި އިގުތިސާދު ސިންދަފާތުކުރުމާއި، ބައިނަލްއަގުވާމީ މަންސަތަކުގައި އެއްބާރުލުން ދިނުމާމެދުވެސް ދެބޭފުޅުންގެ މަޝްވަރާގައި އަލިއަޅުއްވާލައްވާފައިވެއެވެ. އަދި ދެގައުމުގެ ގުޅުމުގެ ތެރެއިން ސަރަހައްދީ ގުޅުންތައް ބަދަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމާމެދު ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

 

މިބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ނޭޕާލުން ރާއްޖެއާއެކު ބާއްވަމުން އަންނަ ގާތް ގުޅުމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ދެބޭފުޅުން ދެއްވިއެވެ.

 


  • ނޭޕާލް
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް