ތިމާވެށިގެ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީން ގިނަ ކަންތައްތަކެއް

4 months ago

އަފްރާހް

މިއަހަރުގެ ތިމާވެށިގެ ދުވަސް ފާހަގަކުރުމަށް ގިނަ ކަންތައްތަކެއް ކުރުމަށް އެންވަޔަރްމެންޓް މިނިސްޓްރީން ނިންމައިފިއެވެ.


އެގޮތުން ރާއްޖެ ފެހިކުރުމަށާއި ގަސްތަކުގެ މާހައުލީ ނިޒާމްތައް ރައްކާތެރިކޮށް ދެމެހެއްޓުމާއި މޫސުމީ ބަދަލުން ދިމާވާ ނުރައްކާތަކަށް ރާއްޖޭގެ ވިލުންތެރިކަން އިތުރުކުރުމަށްޓަކައި 5 އަހަރު ތެރޭގައި، 5 މިލިއަން ގަސް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންދުމުގެ މަޝްރޫއު ފެށުމަށް ނިންމާފައިވަނީ ޖޫން 5 ވަނަ ދުވަހު ހެނދުނު 6 ޖަހާއިރު، ލޮނުޒިޔާރަތް ޕާކުގައެވެ.


ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމުގައިވާ ފަސް މިލިއަން ގަސް އިންދުމުގެ މި ހަރަކާތް އެދުވަހު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް ފަށާނެއެވެ.


މި ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުންނާއި ނައިބު ރައީސްގެ ދެކަނބަލުންނާއި މާލޭ ސިޓީ ކައުންސިލްގެ މޭޔަރ އަދި ކެބިނެޓުގެ ވަޒީރުންނާއި އެންބެސެޑަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ. ލޮނުޒިޔާރަތް ޕާކުގައި އިންދުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ މާހައުލުން ފެންނަ، މިހާރު ނެތިދިޔުމުގެ ބިރު ހީވެފައިވާ ގަސްގަހާގެއްސެވެ.


މީގެއިތުރުން "މަގޭ ސާފު ރާއްޖެ" ޕްރޮގްރާމްގެ ދަށުން ކުންޏާއި ވަޞީލަތް މެނޭޖުކުރުމުގެ ގައުމީ ސިޔާސަތާއި ސްޓްރެޓެޖީ އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު އިފްތިތާހު ކޮށްދެއްވާނީ އެންވަޔަރްމެންޓް މިނިސްޓަރ ޠާރިޤު އިބްރާހީމް އެވެ.


މި ރަސްމިއްޔާތުގައި މަގޭ ސާފު ރާއްޖެ ޕްރޮގްރާމްގެ ރަސްމީ ލޯގޯއާއި ބްރޭންޑިންގ ވެސް އިފްތިތާހު ކުރުމަށް ވަނީ ނިންމާފައެވެ.


ތިމާވެށިގެ ދުވަހާއި ގުޅިގެން، އެންވަޔަރްމެންޓް މިނިސްޓްރީ އާއި ޔުނިސެފް ގުޅިގެން ކުނި މެނޭޖުކުރުމުގެ ސިޔާސަތުގެ ދަށުން "ކްލީން" ގެ ނަމުގައި ޕްރޮގްރާމެއް ވެސް އިފްތިތާހު ކުރުމަށް ނިންމާފައި ވެއެވެ. މިއީ ރަށްރަށުގެ ކުނި މެނޭޖުކުރުމުގެ ގޮތުން އެކުލަވާލެވުނު ގައުމީ ޕްރޮގްރާމް "މަގޭ ސާފު ރާއްޖެ" ގެ ދަށުން ފެށިގެންދާނެ ހަރަކާތެކެވެ.


މި ހަރަކާތް ވެގެންދާނީ ކުޑަކުދިންނަށާއި ޒުވާނުންނަށް ތިމާވެށި ރައްކާތެރިކޮށް، ސާފު މާހައުލެއް ދެމެހެއްޓުމަށް ބާރުއެޅިގެންދާ ގައުމީ ހަރަކާތަކަށެވެ.


މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވާނީ ޔުނިސެފް ރިޕްރެޒެންޓޭޓީވް ޓު މޯލްޑިވްސް ޑރ. އެޑްވާޑް އައްޑައި އާއި މިނިސްޓަރ ޠާރިޤު އިބްރާހީމް އެވެ.


މި ރަސްމިއްޔާތު ނިއްމާލަމުން ބީޗު ސާފުރުކުރުމުގެ ހަރަކާތެއް ބާއްވައި، ކުނި އަޅާނެ ޑަސްބިންތައް ހުޅުމާލެ ފޭސް 2 ބީޗު ސަރަހައްދުގައި ބަަހއްޓާނެއެވެ. އަދި އުކާލާ ތަކެތި ބޭނުންކޮށްގެން އުފެއްދިފައިވާ އީޖާދުތަޖުތަކެއް ދައްކާލުމަށް ޞަލާހުއްދީން ސުކޫލުގެ ދަރިވަރުންގެ ފަރާތުން އެގްޒިބިޝަނެއް ވެސް ބާއްވާނެއެވެ.


ދުނިޔޭގެ ތިމާވެށީގެ ދުވަސް ކަމުގައިވާ ޖޫން 5 ވަނަ ދުވަހުގެ ރޭ، އެންވަޔަރްމެންޓް މިނިސްޓްރީން "ގަހުގެ އާދޭސް" ގެ ނަމުގައި މަޢުލޫމާތު ސެޝަންއެއް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި ސެޝަންގައި "އާންމުތަންތަނުގައި، ހާއްސަކޮށް މަގުތަކުގައި ގަސްއިންދުން - އަތްމަތީ ފޮތް" އިފްތިތާޙު ކުރުމަށް ވަނީ ހަމަޖެހިފައެވެ.


މި ފޮތާ ބެހޭގޮތުންނާއި އާންމު ތަންތަނުގަޔާއި، ސްކޫލް ފަދަ ތަންތަނާއި މަގުތަކުގައި ގަސްއިންދާ ބެލެހެއްޓުމުގެ މަސައްކަތްކުރާ ފަރާތްތަކަށާއި ޕޮލިސީ ލެވެލްގައި އެ މަސައްކަތާމެދު އަޅަންޖެހޭ ބައެއް ފިޔަވަޅުތަކުގެ މައްޗަށް ހޭލުންތެރިކުރުމުގެ ގޮތުން މި ފޮތް ލިޔުއްވި، މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު (މީމު ޒަވިޔަނި)، ސެޝަނެއް ނަންގަވައިދެއްވާނެއެވެ. އަދި މި ދާއިރާގެ ފަންނުވެރިންނާއި، ތަޖުރިބާކާރުން ހިމެނޭ ގޮތަށް ޕެނަލް ޑިސްކަޝަނެއް ވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު