ޚަބަރު ރާއްޖެ

ޑިމޮކްރެޓިކް ގައުމުތަކުގައި މިނިވަން އަޑުތައް ދައުލަތުގެ ބާރުގެ ދަށަށް ނުގެންނާނެ: އެޗްއާރްސީއެމް

މީޑިއާ ބިލު ފަރުމާކުރެވިފައިވަނީ ބައިނަލްއަގުވާމީ އުސޫލުތަކާ ހިލާފަށް ކަމުގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ވިދާޅުވެއްޖެއެވެ.

 

އެކޮމިޝަނުން މިފަދައިން ވިދާޅުވެފައި މިވަނީ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި، މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލަށް ގެންނަން ފެންނަ އިސްލާހުތަކުގައެވެ.

 

އެޗްއާރްސީއެމް އިން ވިދާޅުވީ އެ ބިލުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ގޮތަށް ކަންކަން ހިމެނިފައިވާ ކަމަށެވެ. އަދި މިނިވަން އަޑުތަކަކީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ޖެހޭ ކަމެއް ގޮތުގައި ޑިމޮކްރެޓިކް ގައުމުތަކުން ނުދެކޭ ކަމަށް ވެސް ވަނީ ފާހަގަކޮށްފައެވެ.

 

ޑިމޮކްރެޓިކް ގައުމުތަކުގައި ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑުތަކެއްގެ ދަށުންކަމަށާއި އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުން ޢަމަލުކުރާ އުސޫލެއް ނޫން ކަމަށް ވެސް އެ ކޮމިޝަނުން ވިދާޅުވެއެވެ.

 

މީގެއިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް، ހާއްސަކޮށް ސިޔާސީ ވާހަކަތަކަށް، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި ފުޅާ ދާއިރާއެއްގައި މިނިވަންކަމެއް ދޭންވާނެ ކަމަށް ބައިނަލްއަގުވާމީ މިންގަނޑުތަކުގައި ބަޔާން ކޮށްފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ.

 


  • ނޫސްވެރިން
  • އެޗްއާރްސީއެމް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް