ޚަބަރު ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ދިނުމަށް ފަހުމުނާމާއެއް

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެމްޕީއެލް އިން ވަޒީފާގެ ފުރުސަތު ދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

 

ސޯޝަލް މީޑިއާ އާއި އެމްޕީއެލް އާ ދެމެދު ވެފައިވާ މި އެއްބަސްވުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ބަލަހައްޓަމުންދާ ފަރާތްތަކާއި މާލީ ހާލަތުގެ ސަބަބުން ދިރިއުޅުމުގެ ހާލަތު ދަށްވެފައިވާ ފަރާތްތަކަށް މަސައްކަތުގެ ތަޖުރިބާ އާއި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.

 

މިފަދަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ސޯޝަލް މިނިސްޓްރީން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން އެމްޓީސީސީއާއި ވެމްކޯ ފަދަ ތަންތަނުން އެ ފުރުސަތުތައް ގެންދަވަނީ ފަހިކޮށްދެއްވަމުންނެވެ.

 

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާއަށް އައްޔަނުކޮށް މަސައްކަތް ހަވާލުކުރެވޭއިރު، މަސައްކަތްކުރަން ކަނޑައަޅާ ތަނަކީ މި ފަރާތްތައް މަސައްކަތްކުރުން އެކަށީގެންވާ ތަންތަންކަން ޔަގީންކުރާނެއެވެ. އަދި ހާލު ކިހިނެއް ޕްރޮގްރާމުގެ ތެރެއިން ދެނެގަނެވޭ ފަގީރު ހާލަތުގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ވަޒީފާއަށް އެދޭ ފަރާތްތަކަށް ވަޒީފާ ހަމަޖައްސާއިރު، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރާއި ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރެވޭނެ ގާބިލުކަން ހުރިކަން ވެސް ކަށަވަރުކުރެވިގެންދާނެއެވެ.

 

އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުމާއި، ބަރޯސާވުން ކުޑަކޮށް، އަބުރުވެރިކަމާއެކު ދިރިއުޅޭ އުފާވެރި އާއިލާތަކެއް ބިނާކުރުމަށް ގުޅިގެން ކުރެވޭ މި މަސައްކަތުގެ ތެރެއިން އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރެވި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަމިއްލަ މަސައްކަތުން އުޅެވޭނެ މަގު ވަހިވެގެންދާނެއެވެ.

 

މިއީ ވިލުންވެރި މުޖުތަމައެއް ބިނާކުރުމަށް ކުރެވޭ މަސައްކަތްތަކަށް ވެސް ވަރަށް ބޮޑަށް ބާރުލިބިގެންދާނެ ކަމެކެވެ.

 


  • އެމްޕީއެލް
  • ސޯޝަލް މިނިސްޓްރީ
  • އެމްޓީޑީސީ
  • ވެމްކޯ
  • ޖެންޑަރ މިނިސްޓްރީ
  • ނުކުޅެދުންތެރިކަން
  • ކޮމެންޓް