ރައްޔިތުންގެ މަޖިލީހުގެ 88 މެމްބަރަކު މާލީ ބަޔާން ހުށަހަޅުއްވައިފިއެވެ.
މަޖިލިސް އިދާރާ އިން ވިދާޅުވީ މިހާތަނަށް މާލީ ބަޔާން ހުށަހަޅުއްވާފައިވާ 88 މެންބަރުންގެ ބަޔާންތައް މަޖިލީހުގެ ވެބްސައިޓުގައި އާންމުންނަށް ފެންނާނެހެން ޝާއިއުކޮށްފައިވާ ކަމަށެވެ.
މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު 20 ވަނަ ދައުރަށް މެންބަރުން ހުވާ ކުރައްވާފައިވާތީ އެ އެމެންބަރުން މާލީ ބަޔާން ހުށަހަޅަންޖެހެނީ ހުވާކުރާތާ އެއް އަހަރު ދުވަސް ފަހުންނެވެ. މިއަހަރުގެ މެއި މަހުގެ 28 އަށް އެއް އަހަރު ފުރިފައިވާ މެންބަރުން މާލީ ބަޔާން ހުށަހެޅުމުގެ އެންމެ ފަހު މުއްދަކީ މިއަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަސްކަމަށްވެސް މަޖިލީހުގެ އިދާރާއިން ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދުގެ ދަށުން މެންބަރުން މާލީ ބަޔާން ހުށަހެޅުމަކީ ކޮންމެ މެންބަރަކު ވެސް ކުރަންޖެހޭ ކަމަކަށްވާއިރު، މި ބަޔާނުގައި ކޮންމެ މެންބަރެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ މައުލޫމާތު އާންމުކުރެވޭނެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މި ހިނގާ 20 ވަނަ މަޖިލީހުގައި ޖުމްލަ 93 މެންބަރުން ތިއްބަވާއިރު، މާލީ ބަޔާން ހުށަނާޅުއްވާ މެމްބަރުންގެތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރާއި ކުރެންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާމިން ޙަބީބާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުޙައްމަދު މުޞްޠަފާ އިބްރާހީމް ހިމެނިވަޑައިގަންނަވައެވެ. އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ނާޡިމް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަޙްމަދު ޟަމީރު ވެސް ހިމެނިވަޑައިގަންނަވައެވެ.