އައްޑޫ ސިޓީގައި މަސްވެރިކަމާއި ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކް ހަބެއް ގާއިމުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.
ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް އިތުރު ދުވެއްޔެއް ގެނައުމުގެ މަގުސަދުގައި އެސިޓީގައި މި ހަބް ގާއިމުކުރުމުގެ މުހިންމު މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި ސޮއިކޮށްފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީ.އެމް.އީ.ސީ) އާއެކު ފަހުމުނާމާއެއްގައި ސަރުކާރުން ސޮއިކުރައްވައިފިއެވެ.
މި ފަހުމުނާމާގެ ދަށުން މި މަޝްރޫއުގެ ތަފްސީލީ މާސްޓަރ ޕްލޭނާއި، މާލީ އަދި އިގުތިސާދީ ފައިދާގެ ދިރާސާތަކާއި މަޝްރޫއު ހިންގާނެ ވިޔަފާރި މޮޑެލްއާއި ފައިނޭންސްކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ފަރާތުން ގުޅިގެން މަޝްވަރާކޮށް، ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުމަށް ވަނީ އެއްބަސްވެފައެވެ.
މިއީ ގައުމުގެ އިގުތިސާދީ ތަރައްގީއަށް މަގުފަހިކޮށްދޭނެ އަދި ދެކުނުގެ މަސްވެރިކަމުގެ ސިނާއަތުގެ ތަރައްގީއަށް އައު ދޮރެއް ހުޅުވާލައިދޭނެ މުހިންމު މަޝްރޫއެކެވެ. އައްޑޫ ސިޓީގެ ލޮކޭޝަނަކީ މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް އެންމެ އެކަށޭނެ އެއް ސަރަހައްދުކަމަށް ބެލެވެއެވެ. މި މަޝްރޫއު ފެށުމުގެ މައިގަނޑު މަގުސަދަކީ އެސިޓީގައި މަސްވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތަކާއި، ކަނޑުދަތުރުފަތުރުގެ ލޮޖިސްޓިކްސްގެ ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމެވެ.
މީގެސަބަބުން ދެކުނުގެ އަތޮޅުތަކުގެ މަސްވެރިންނަށް ގިނަ ފަސޭހަތަކެއް ލިބި، މަސްވެރިކަމުން ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަށް ސަރުކާރުން އުންމީދުކުރެއެވެ.
މި ފަހުމުނާމާތަކުގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތު ބޭއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޗައިނާއަށް މިހާރުކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގގެ ހާއްސަ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ގެ އަހަރީ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.
ސަރުކާރުގެ އަމާޒަކީ ދެކުނުގެ އިގުތިސާދު އާލާކޮށް، ގިނަ ފުރުސަތުތަކެއް އުފެއްދުމެވެ.