މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު ދިރާސާ ކުރާ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުުގެ ކޮމިޓީ ސިއްރުކުރުމުން ނޫސްވެރިން އިހުތިޖާޖުކުރަން ފަށައިފިއެވެ.
މި ބިލު ދިރާސާކުރާ ކޮމިޓީގެ ބައްދަލުވުން ފެށުމަށްފަހު ސިއްރުކުރުމަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމެވެ. މެމްބަރު ވިދާޅުވީ ކޮމިޓީ ސިއްރުކުރަން ބޭނުންވަނީ އާންމުން މި ބިލަށް ހުށައަޅާފައިވާ ހިޔާލުތަކަށް ބަލާއިރު، އެ ފަރާތްތަކުގެ ޒާތީ މައުލޫމާތު ހާމަވެދާނެތީ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކުރިމަތީ ނޫސްވެރިން ކުރަމުންދާ އިހުތިޖާޖުގައި ކޮމެިޓީ ސިއްރުކޮށްގެން ބިލު ދިރާސާކުރުމުގެ ކަންތައްތައް ކުރިއަށް ނުގެންދިއުމަށް ދަނީ ގޮވަމުންނެވ. އަދި ކޮމިޓީތައް ސިއްރުކުރަންޖެހޭ ހާލަތްތައް ވެސް ނޫސްވެރިން އަންނަނީ މުޒާހަރާގެ ތެރެއިން ގޮވާލަމުންނެވެ.
“އެފަދަ ހާލަތެއް މީޑިއާ ކޮންޓްރޯލް ކުރާ ބިލު ދިރާސާކުރަމުންދާއިރު ނެތް. މި ބިލު ވަގުތުން ބޭރުކޮށްލާ."
ނޫސްވެރިން އެ ސަރަހައްދުގައި އިހުތިޖާޖުގައި ފުލުހުން ވެސް އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީޑިއާ ރެގިއުލޭޓްކުރުމަށް މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލް ހަންނާން އަބޫބަކުރުއެވެ. މި ބިލުގައި 85 މާއްދާ އޮތްއިރު، ކޮންމެ މާއްދާއަކަށް 10-12 ކޮމެންޓް ލިބިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު މާފުށި ދާއިރާގެ މެންބަރު ހުސައިން ރިޒާ ވިދާޅުވިއެވެ.
މީޑިއާ ރެގިއުލޭޓްކުރުމަށް ހުށައަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް ރައީސް އޮފީހާއި މުލީއާގެ ކައިރީގައި މީގެކުރިން ވެސް ވަނީ ނޫސްވެރިން އިހުތިޖާޖު ކޮށްފައެވެ. އަދި އެ ބިލު ބޭރުކުރުމަށް ގޮވާލާ ރާއްޖޭގެ 41 މީޑިއާއަކުން 151 ނޫސްވެރިން ސޮއިކޮށް ރައްޔިތުންގެ މަޖިލީހާއި ރައީސް އޮފީހަށް ވަނީ ޕެޓިޝަނެއް ވެސް ހުށައަޅާފައެވެ.