ޚަބަރު ރާއްޖެ

ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް ނޭޕާލުގައި ތިބި ދިވެހިންނަށް އިލްތިމާސްކޮށްފި

ނޭޕާލުގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ނޫނީ ނުކުރުމަށް އެގައުމުގައި ތިބި ދިވެހިންނަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

 

އެ މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ވަނީ މި ނާޒުކު ދަނޑިވަޅުގައި ނޭޕާލުގެ ކަމާބެހޭ އިދާރާތަކުންނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނާއި ފޮރިން މިނިސްޓްރީން ދޭ އިރުޝާދުތަކަށް ފުރިހަމައަށް ތަބާވުމަށް އެދިލައްވާފައެވެ. އަދި ހަމަނުޖެހުން ހިނގާ ސަރަހައްދުތަކާ ދުރުހެލިވެ، ރައްކާތެރިކަމަށް އިސްކަންދިނުމަށް ވެސް އެދިލައްވާފައި ވެއެވެ.

 

ހަމަމިއާއެކު ކަތަމަންޑޫގެ ގިނަ ސަރަހައްދުތަކުގައި ކާފިއު އިއުލާންކޮށްފައިވާކަން ފާހަގަކޮށް، ކަތަމަންޑޫގައި ދިރިއުޅޭ އަދި ދަތުރުފަތުރުކުރާ ދިވެހިން، ސަލާމަތާއި ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރައްވައެވެ. އަދި ޒަރޫރީ ބޭނުންތަކަށް މެނުވީ މަގުމައްޗަށް ނުނިކުތުމަށް ވެސް އިލްތިމާސްކުރައްވާފައި ވެއެވެ.

 

ފޮރިން މިނިސްޓްރީން އިތުރަށް ވިދާޅުވީ އެގައުމުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެގޮތުން އެގައުމުގެ ކަމާގުޅޭ އިދާރާތަކާ މަޝްވަރާކޮށް، މި ހާލަތުގައި ބޭނުންވާ ލުއިފަސޭހަތައް ހަމަޖައްސައިދިނުމަށް އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުންނާއި މިނިސްޓްރީން މަސައްކަތްކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.

 

ނޭޕާލުގެ މަޝްރަހު އިތުރަށް ގޯސްވެއްޖެނަމަ، އެގައުމުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދޭނެކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ. އަދި ނޭޕާލުގެ ހާލަތު ބަދަލުވަމުންދާ ގޮތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ ނަންބަރު 919910040786+ ނުވަތަ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުމަށް ފޮރިން މިނިސްޓްރީން އެދިވަޑައިގަންނަވައެވެ.

 


  • ނޭޕާލް
  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް