ނިއުޔޯކް ޑެކްލެރޭޝަން އޮން ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ތަސްދީގު ކުރުމަށް ރާއްޖެއިން ތާއީދުކޮށްފިއެވެ.
މި ގަރާރު ބަލައިގެންފައިވަނީ އިޔްޔެ ބޭއްވި އދ.ގެ އާންމު މަޖިލީހުގެ 80 ވަނަ ސެޝަންގެ ދެވަނަ ޕްލެނަރީ ޖަލްސާގައެވެ. ވޯޓުގައި ބައިވެރިވި ގައުމުތަކުގެ ތެރެއިން 142 ގައުމުގެ ތާއީދާއެކު މި ގަރާރު ފާސްކޮށްފައިވާއިރު، ގަރާރާ ދެކޮޅަށް 10 ގައުމަކުން ވަނީ ވޯޓުދީފައެވެ. އަދި ވަކިކޮޅަކަށް ވޯޓު ނުދިނުމަށް 12 ގައުމަކުން ވަނީ ނިންމާފައެވެ.
މި ޑެކްލަރޭޝަނަކީ މި އަހަރުގެ ޖުލައި މަހުގެ 28 އިން 30 ޖުލައި އަށް ސަޢޫދީ ޢަރަބިއްޔާ އާއި ފަރަންސޭސިވިލާތުގެ ރިޔާސަތުގެ ދަށުން އ.ދ. ގައި ބޭއްވި ހައި ލެވަލް އިންޓަރނޭޝަނަލް ކޮންފަރެންސް ފޮރ ދަ ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެއްޝަން އޮފް ޕަލަސްތީން އެންޑް ދަ އިންޕްލިމެންޓޭޝަން އޮފް ދަ ޓޫ-ސްޓޭޓް ސޮލިއުޝަން ގެ ނަތީޖާ ޑޮކިއުމަންޓެވެ.
ފަލަސްޠީނުގެ މައްސަލައަށް އިންސާފުވެރި، ދެމެހެއްޓެނިވި ހައްލެއް ހޯދުމަށާއި އެގައުމުގައި މިނިވަން، އިގުތިސާދީ ގޮތުން ދެމެހެއްޓެނިވި އަދި ޑިމޮކްރެޓިކް ދައުލަތެއް ބިނާކުރުމަށް މި ޑެކްލަރޭޝަންގައި ހާއްސަކޮށް ގޮވާލާފައިވެއެވެ. މިކަމަކީ އޭގެ ސަބަބުން ބައިނަލްއަގުވާމީ އުސޫލުތަކާއި، ސަރައްހައްދީ ސަލާމަތާއި، އިންސާނީ ހައްގުތަކަށް އިހުތިރާމްކުރުމާއި، އަމިއްލައަށް ކަންކަން ނިންމުމަށް ގައުމުތަކަށް ލިބޭ ހައްގު އިތުރަށް ހަރުދަނާ ވެގެންދާނެ ކަމެކެވެ.
މި ހަމަނުޖެހުމަށް ދެމެހެއްޓެނިވި، ސުލްހަވެރި ހައްލެއް ގެނެވޭނީ 1967 ވަނަ އަހަރުގެ ކުރިން އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، އެއީ މިނިވަން، މުސްތަގިއްލުދައުލަތެއްގެ ގޮތުގައި ބައިނަލްއަގުވާމީ ގާނޫނުތަކާއި އ.ދ. ގެ ޗާޓަރާއި އެއްގޮތް ވާގޮތުގެ މަތިން ފަލަސްޠީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި ދިވެހިރާއްޖެއިން ތާއިދުކުރެއެވެ.