ޚަބަރު ރާއްޖެ

ރައްޔިތުންގެ ހިޔާލު ހޯދުމުގެ ބިލު ފާސްކޮށްފި

ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

 

މިއީ ރައްޔިތުންގެ މަސްލަހަތު އެކުލެވޭ ކަންކަމުގައި ގޮތް ނިންމުމުގެ ކުރިން، އެކަމަކާމެދު ރައްޔިތުންގެ ހިޔާލު ހުރިނެތް ގޮތެއް ބެލުން ލާޒިމުކުރާ ބިލެކެވެ. މި ބިލު ހުށަހަޅުއްވާފައިވަނީ ސަރުކާރުގެ ފަރާތުން ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙްއެވެ.

 

މި ބިލު ފާސްކޮށްފައިވަނީ ދައުރުން ބޭރުން މިއަދު ބޭއްވި ޖަލްސާގައި 64 މެމްބަރުންގެ ވޯޓުންނެވެ. ބިލު ފާސްކުރަން ނުފެންނަކަމަށް 12 މެމްބަރުން ވޯޓު ދެއްވިއެވެ.

 

ބިލު ފާސްކުރަން ވޯޓަށް އެހުމުގެ ކުރިން ބިލު ދިރާސާކުރުމަށްފަހު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ކުރި ބަހުސްގައި ޕީއެންސީ އަދި އެމްޑީޕީގެ މެންބަރުންގެ މެދުގައި ވަނީ ހޫނު ބަހުގެ ހަމަލާތަކެއް ބަދަލުކޮށްފައެވެ. އެގޮތުން ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު، މީކާއީލް އަޙްމަދު ނަސީމް ވަނީ މި ބިލަކީ 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ވަގަށް ނަގަން ރައީސް ޑރ. މުޢިއްޒު ގެންގުޅުއްވާ "ޓޫލް" އެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

 

ސަރުކާރަށް ނިސްބަތްވާ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވަނީ އެމްޑީޕީ މެންބަރުންގެ ޢަމަލުތައް ހުރި ގޮތުން މަޖިލީހުން ބަޔާނެއް ނެރޭ ހިސާބަށް ވެސް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ކޮމިޓީތަކަށް ނޫސްވެރިން ވަނުމުގައި ޢަމަލުކުރަންޖެހޭ ގޮތް މުޅިން އޮޅުވާލައިގެން އެމްޑީޕީން ނޫސްވެރިންނަށް މައުލޫމާތު ދިނުމުން، ވަންނަން ހުއްދަ ނުދެނީސް ކޮމިޓީއެއްގެ ބައްދަލުވުމަކަށް ނޫސްވެރިން ވަތް މަންޒަރު ފެނުނުކަމަށް ފަލާޙު ވިދާޅުވިއެވެ.

 

މި ބިލު ދިރާސާކުރުމަށްފަހު، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ ބިލަށް ގެންނަން ފެންނަ އިސްލާހުތައް ފާސްކޮށްފައެވެ. އެގޮތުން ފުރަތަމަ އިސްލާހަކަށް ފާސްކޮށްފައިވަނީ ބިލުގެ ހަތަރުވަނަ މާއްދާ (ޤައުމީ މުހިންމު މައްސަލަތަކުގައި ނަގާ ވޯޓު) އަށް އަކުރެއް އިތުރުކުރުމަށެވެ. އެ މާއްދާގެ (ށ) ގައިވާ ގޮތުގައި އިތުރުކުރުމަށް ފާސްވެފައިވަނީ، ދިވެހިރާއްޖޭގެ ވަކި ސަރަހައްދަކާ ގުޅުންހުރި، ނުވަތަ ވަކި ސަރަހައްދަކަށް ނިސްބަތްވާ ރައްޔިތުންނާ ގުޅުންހުރި މުހިންމު މައްސަލަތައް ނިންމުމުގައި އެކަމަކީ ރައްޔިތުންގެ ޚިޔާލު ހޯދަން މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންކަމުގައި، އެ ސަރަހައްދަށް ނިސްބަތްވާ ރައްޔިތުން ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް، މި ޤާނޫނުގައިވާ ގޮތުގެ މަތިން ރައީސުލްޖުމްހޫރިއްޔާއަށް ނިންމެވިދާނެ ކަމަށް ކަނޑައެޅުމަށެވެ.

 

ދެވަނަ އިސްލާހަކަށް ފާސްކޮށްފައިވަނީ ގާނޫނޫގެ ދަށުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ފެންނަ ޙާލަތްތަކުގައާއި އެ މަޖިލީހަށް ލާޒިމުވާ ޙާލަތްތަކުގައި އެ ވޯޓު ނެގުމަށް ކަނޑައަޅާނީ މަޖިހީލުގެ ޖުމްލަ މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރާ ޤަރާރަކުން ކަމަށް ކަނޑައަޅާ، ބިލުގެ ހަވަނަ މާއްދާގެ (ށ) އަށް އިސްލާހު ގެނައުމަށެވެ.

 

ތިންވަނަ އިސްލާހަކަށް ފާސްކޮށްފައިވަނީ، މި ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެކުލަވާލެވޭ މައުލޫމާތު ކަރުދާސް، ވޯޓު ނެގުމުގެ މަދުވެގެން 21 ދުވަސް ކުރިން އިލެކްޝަންސް ކޮމިޝަނުން ޢާންމުކުރަން ލާޒިމުކޮށް، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އެ ރަށް ރަށުގެ ލޯކަލް ކައުންސިލުތައް މެދުވެރިކޮށް މައުލޫމާތު ކަރުދާސް ލުއިފަސޭހަކަމާއެކު ޢާންމުންނަށް ލިބޭނެ ގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖެއްސުން ލާޒިމުކޮށް، ބިލުގެ 15 ވަނަ މާއްދާގެ (ށ) އިސްލާހުކުރުމަށެވެ. އަދި، ބިލުގެ 19 ވަނަ މާއްދާގައި، މި ވޯޓު ނެގުމަށް އެދި ހުށަހަޅާ ތާރީޚާއި ވޯޓު ނަގާ ތާރީޚާއި ދެމެދު މަދުވެގެން 45 ދުވަސް އޮންނަން ވާނެ ކަމަށް އޮތް ނަމަވެސް، މިއަށްވުރެ ކުރު މުއްދަތެއް ކަނޑައެޅުމުގެ ބާރު އިލެކްޝަންސް ކޮމިޝަނަށް ދިނުމަށްވެސް ފާސްކޮށްފައި ވެއެވެ.

 

މީގެ އިތުރަށް، ވޯޓުގައި ވަކި ކޮޅަކަށް އަޣުލަބިއްޔަތު ލިބުނު ކަމަށް ނިންމާނީ، ޞައްޙަ ވޯޓުގެ ޢަދަދު، 50 އިންސައްތައަށްވުރެ އެއްކޮޅަށް ބުރަވާނަމަ ކަމަށް ކަނޑައަޅާ، ބިލުގެ 31 ވަނަ މާއްދާއަށް (ރ) އިތުރުކުރުމަށްވެސް ކޮމިޓީން ފާސްކޮށްފައިވެއެވެ. އަދި، އިންތިޚާބަށް ޚަރަދުވާނެ ކަމަށް ބެލެވޭ ޖުމްލަ އަގު، އިލެކްޝަންސް ކޮމިޝަނުން މާލީ ވުޒާރާއަށް ހުށަހަޅަން ޖެހޭނެ ކަމަށާއި، ހުށަހަޅާތާ 10 ދުވަހުގެ ތެރޭގައި މާލީ ވުޒާރާއިން އެ ފައިސާ އިލެކްޝަންސް ކޮމިޝަނަށް ދޫކުރަންވާނެ ކަމަށް ކަނޑައަޅާ، 35 ވަނަ މާއްދާއަށް (ށ) އިތުރުކުރުމަށްވެސް ފާސްކޮށްފައިވެއެވެ.

 

މި ބިލު ގާނޫނަކަށް ބަދަލުވާނީ ރައީސުލްޖުމްހޫރިއްޔާ ބިލު ދިރާސާކުރެއްވުމަށްފަހު ތަސްދީގުކުރެއްވުމުންނެވެ.

 

 


  • މަޖިލިސް ރައީސް
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް