2 days ago
ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ކިއުބާގެ ރިވޮލޫޝަން ދުވަހުގެ ތަހުނިޔާއާ ހެޔޮއެދުންތައް އެޤައުމުގެ ރައީސް މިގޭލް ޑިއާޒް-ކެނެލް ބާމުޑޭޒް އަށާއި ކިއުބާގެ ބޮޑު ވަޒީރު މެނުއެލް މަރޭރޯ ކްރޫޒްއަށް ފޮނުއްވައިފިއެވެ.
އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސްޖުގައި ކިއުބާގެ ސަރުކާރަށާއި ރައްޔިތުންނަށް ދިވެހި ސަރުކާރުގެ ނަމުގައްޔާއި ދިވެހި ރައްޔިތުންގެ ނަމުގައި ތަހުނިޔާއާ އިޚުލާސްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
މީގެއިތުރުން އެގައުމުގެ ރައީސާއި ބޮޑުވަޒީރު، ފުރިހަމަ ސިއްހަތުގައި ލެހެއްޓެވުމަށް އެދިވަޑައިގެން، އެ ގައުމުގެ ރައްޔިތުންނަށް ތަރައްގީއާއި ފާގަތިކަން އެދިވަޑައިގަންނަވާކަން ހާމަކުރައްވާފައެވެ.
ކޮންމެ އަހަރެއްގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަސް ކިއުބާގައި ފާހަގަކުރަނީ ކިއުބާގެ ކުރީގެ ރައީސް ފިޑެލް ކާސްޓްރޯ އިސްވެ ހުންނަވައި ގެންނެވި އިންގިލާބުގެ ކާމިޔާބީ ފާހަގަކުރުމަށް އެނިވަރސަރީ އޮފް ދަ ރިވޮލޫޝަން ގެ ގޮތުގައެވެ.
ރާއްޖެ އާއި ކިއުބާއާއި ދެމެދު ސިޔާސީ ގުޅުން ގާއިމު ކުރީ 29 ޖަނަވަރީ 1977 ގައެވެ.