ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ރެގިއުލޭޝަން ބިލު މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފާސްކޮށްފިއެވެ.
އެ ކޮމެޓީން މި ބިލު ފާސްކޮށްފައިވަނީ ހުށަހަޅާފައިވާ އިސްލާހުތަކާއެކުގައެވެ. ބިލު ދިރާސާކުރާ ކޮމިޓީގެ ބައެއް މެމްބަރުން ބަދަލުކުރުމަށްފަހު، މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި މި ބިލު ފާސްކުރުމަށް ސަރުކާރަށް ނިސްބަތްވާ ހުރިހާ މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.
މި ބިލް ކޮމިޓީން ފާސްކޮށްފައި މިވަނީ ބިލު ބޭރުކުރުމަށް ގޮވާލާ ނޫސްވެރިން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށާއި، ރައީސް އޮފީހަށް ހުށަހަޅާފައި ވަނިކޮށެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު މި ބިލު މަޖިލީހަށް ހުށަޅުއްވާފައިވަނީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ބިލުގެ ނަމުގައެވެ.
މި ބިލާ ދެކޮޅަށް ބައެއް ނޫސްވެރިން ހިޔާލު ފާޅުކޮށްފައިވާއިރު، ނޫސްވެރިންގެ ހިޔާލު ހޯދުމަށް އެ ކޮމެޓީން ވަނީ ޖަލްސާއެއް ބާއްވާފައެވެ. އަދި މި މަހުގެ ފުރަތަމަ ދުވަހު ބޭއްވި ކޮމެޓީގެ ޖަލްސާގައި ވެސް ނޫސްވެރިން ވަނީ އެ ބިލާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ.