ޚަބަރު ރާއްޖެ

އައި.އޭ.އީ.އޭ. ގެ މެންބަރު ގައުމަކަށް ރާއްޖެވަނީ

އިންޓަރނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ.) ގެ މެންބަރު ޤައުމަކަށްވުމަށް އެދި ދިވެހިރާއްޖެއިން ހުށަހެޅި އެޕްލިކޭޝަން ބަލައިގަތުމަށް އެޖަމްއިއްޔާއިން މިއަދު ފާސްކޮށްފިއެވެ.

 

އައި.އޭ.އީ.އޭ. ގެ ސިޔާސަތުތައް ކަނޑައަޅާ އެ އެޖެންސީގެ އެންމެ މަތީ ގުނަވަންކަމުގައިވާ ޖެނެރަލް ކޮންފަރެންސް އިން މިނިންމުން ނިންމާފައިވަނީ މިމަހުގެ 15 އިން 19 އަށް އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ކުރިއަށްދާ އެ ކޮންފަރެންސްގެ 69 ވަނަ އާންމު ބައްދަލުވުމުގައެވެ. މިއީ އައި.އޭ.އީ.އޭ. ގެ ފުރިހަމަ މެންބަރުކަން ހޯދުމަށް ދިވެހިރާއްޖެއިން ފުރިހަމަކުރަންޖެހޭ ފުރަތަމަ ފިޔަވަޅެވެ.

 

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާ ދިވެހިރާއްޖޭގެ ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު އެވެ.

 

އައި.އޭ.އީ.އޭ. ގެ މެންބަރު ގައުމުތަކުގެ ފުރިހަމަ އަޣުލަބިއްޔަތުން ރާއްޖެއިން ހުށަހަޅާފައިވާ އެޕްލިކޭޝަން ބަލައިގަތުމާއެކު، އެމްބެސެޑަރ ޑރ. ސަލްމާ ކޮންފަރެންސްގެ ބައިވެރިންނާ މުހާތަބުކުރައްވާ ވަނީ ވާހަކަދައްކަވާފައެވެ. އަދި ވިދާޅުވީ ތަރައްގީވަމުން އަންނަ ކުދިޖަޒީރާ ގައުމުތަކަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހިއްސާކުރައްވައި އެކަންކަމުން އަރައިގަތުމަށް ސައިންސްގެ ޒަރިއްޔާއިން ހައްލު ހޯދުމަށް، ބައިނަލްއަގުވާމީ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

 

އެގޮތުން އައި.އޭ.އީ.އޭ. ގެ މެންބަރުކަން ރާއްޖެއަށް ލިބުމަކީ ގައުމީ ފެންވަރުގައި ހާސިލުކުރެވޭ މުހިންމު ކުރިއެރުމެއް ކަމަށް ބަޔާންކުރައްވާ، މިކަމަކީ ދުނިޔޭގެ ސަލާމަތާއި ތަރައްގީ ކަށަވަރުކުރުމަށް ކުދި ގައުމުތަކުން އަދާކުރަމުންދާ ދައުރު ބައިނަލްއަގުވާމީ މުޖުތަމައުން ބަލައިގަންނަކަމުގެ ހެއްކެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

 

މީގެއިތުރުން ވަނީ އައި.އޭ.އީ.އޭ. އާ ގުޅުމާއެކު، ސިއްހަތާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދާއިރާތަކާއި މީހުން ބިނާކުރުމުގެ ދާއިރާއިން އެ އެޖެންސީގެ ފަންނީ އެހީ ހޯދުމަށް ފުރުސަތުތައް ހުޅުވިގެންދާނެކަންވެސް ފާހަގަކުރައްވާފައެވެ.

 

ރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރު ގައުމަކަށްވުމަށް ހުށަހަޅާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ރާއްޖެއިން އައި.އޭ.އީ.އޭ. ގެ މެންބަރަކަށްވުމުގެ މަގުސަދުތަކުގެ ތެރޭގައި ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންވާ ނިއުކްލިއަރ މެޑިސިން އަދި ރޭޑިއޭޝަން މެޑިސިން ފުޅާކޮށް ކުރިއެރުވުމަށާއި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރުމަށް ބޭނުންވާ ޓެކްނޮލޮޖީގެ ވަސީލަތްތައް ހޯދުމަށް އެ އޭޖެންސީގެ އެހީ ހޯދުން ހިމެނެއެވެ.

 

އައި.އޭ.އީ.އޭ. އަކީ އަސްކަރީ މަގުސަދުތަކަށް ނިއުކްލިއަރ ހަކަތައާއި ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓުވުމަށް ބައިނަލްއަގުވާމީ މިންގަނޑުތައް ކަނޑައަޅައި، ސައިންސްގެ ދާއިރާއިން ދޭދޭ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށް1957  ވަނަ އަހަރު ގާއިމުކުރި ބައިނަލްއަގުވާމީ ޖަމްއިއްޔާއެކެވެ.

 


  • ފޮރިން މިނިސްޓްރީ
  • ކޮމެންޓް