ޚަބަރު ރާއްޖެ

އިސްރާއީލުން ގަތަރަށް ދިން ހަމަލާއަކީ އެގައުމުގެ އިސްތިގުލާލަށް އަރައިގަތުން: ރައީސް

އިސްރާއީލުން ޤަޠަރަށް ދިން ހަމަލާއަކީ އެގައުމުގެ އިސްތިގުލާލަށް އަރައިގަތުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

އެމަނިކުފާނު މިފަދައިން ވިދާޅުވީ ޤަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުންނެވެ.

 

ރައީސް ވަނީ އެއީ ޢަރަބި އަދި އިސްލާމީ އެންމެހައި ގައުމުތަކުގެ ކަރާމާތް ނަގާލުމަށް ދިން ހަމަލާއެއްކަމުގައި ވެސް ސިފަކުރައްވާފައެވެ. އަދި އެ ހަމަލާއަކީ އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ކަމަށާއި އެއީ ސީދާ ސުލްހައަށް ދިން ހަމަލާއެއްކަމުގައި ވެސް ސިފަކުރެއްވިއެވެ.

 

ޣައްޒާގެ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމުގައި މުހިންމު މެދުވެރިއެއްގެ ދައުރު އަދާކުރާ ޤަޠަރަށް ދޭން ޖެހޭނީ ހަމަލާ އެއް ނޫން ކަމަށާއި، އެގައުމަށް ހައްގުވަނީ، އެކުރާ މަސައްކަތުގެ އަގުވަޒަންކުރުން ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

 

މީގެއިތުރުން އިސްރާއީލުން މަސައްކަތްކުރަނީ ސުލްހަ އަށް ކުރާ މަސައްކަތްތަކަށް ހުރަސް އަޅާ، ސަރަހައްދީ ހަމަޖެހުމަށް ލޮޅުންއެރުވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

 

ރައީސް ވަނީ އިސްރާއީލުން ޤަޠަރަށް ދިން އެ ހަމަލާއަކީ ފަލަސްޠީނުގެ ބިންތައް އިސްތިއުމާރު ކުރުމާއި، ފަލަސްޠީނަށް އެހީ ފޯރުކޮށްދިނުމަށް ހުރަސް އެޅުން ކަމުގައި ވިދާޅުވެފައެވެ. އަދި އާންމު ރައްޔިތުންނާއި ސިއްހީ ހިދުމަތްތެރިންނާއި ނޫސްވެރިންނަށް އަމާޒުކޮށްގެން ހަމަލާދިނުން ހިމެނޭ ގޮތަށް، ފުޅާ ދާއިރާއެއްގައި އިސްރާއީލުން ހިންގަމުންދާ ޖަރީމާތަކުގެ ތެރޭގައި ހިމެނޭ ހަމަލާއެއްކަމުގައި ވެސް ވިދާޅުވިއެވެ.

 


  • ޤަތަރު
  • އިޒްރާއީލް
  • ފަލަސްތީން
  • ރައީސް ޑރ. މުޙައްމަދު މުޢިއްޒު
  • ކޮމެންޓް