ބައިނަލްއަގުވާމީ ގާނޫނު ހިންގާންވާނީ ހުރިހާ ދައުލަތެއްގެ މައްޗަށްވެސް ހަމަހަމަކޮށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ަޠަރުގެ ވެރިރަށް ދޯހާގައި މިހާރު ކުރިއަށްދާ ޢަރަބި - އިސްލާމީ ޤައުމުތަކުގެ ކުއްލި ސަމިޓުގައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އިސްރާއީލުން ހިންގާ ޢަމަލުތަކަށް ޖަވާބުދާރީވުމުން ރެކެން ފުރުސަތު ދޭ، ދެފުށްދެގޮތް މިންގަނޑުތައް ކުށްވެރިކުރައްވާފައެވެ.
"ބައިނަލްއަޤުވާމީ ޤާނޫނު ހިންގާންވާނީ، ހުރިހާ ދައުލަތެއްގެ މައްޗަށްވެސް، ހަމަހަމަ ގޮތެއްގަ."
މީގެއިތުރުން ރައީސް ވިދާޅުވީ އިސްލާމީ އުންމަތުގެ އެއްވެސް ގައުމެއް، އެކަހެރި ހާލަތެއްގައި އުދުވާނަކާ ކުރިމަތިލާންޖެހިގެން ނުވާނޭކަމަށެވެ. އަދި ޤަޠަރުގެ ސަރުކާރާއި އުޚުވަތްތެރި ރައްޔިތުންނަށް އެއްބާރުލުންދިނުން މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭ ކަމުގައި ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ރޭވިފައިވާ ސިޔާސީ، އިގުތިސާދީ، އަދި ޚާރިޖީ ފިޔަވަޅުތަކެއް މެދުވެރިކޮށް އިސްރާއީލުން ހިންގަމުންދާ ހަނގުރާމައިގެ ޖަރީމާތަކަށް އިސްރާއީލުގެ ލީޑަރުން ޖަވާބުދާރީކުރުވުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ޣައްޒާ އާއި ހުޅަނގު އައްސޭރިއަށް މިހާރުން މިހާރަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އިލްތިމާސްކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒު ވަނީ ބޮމުގެ ހަމަލާތައް ހުއްޓުވާ، ސުންނާފަތިވެފައިވާ ދިރިއުޅުން އާރާސްތުކުރުމަށް، ހަމައެކަނި ލަފުޒުތަކަކުން ނުފުދޭނޭކަން ފާހަގަކުރައްވާ، ގާނޫނާއި ޣައިރު ގާނޫނާއި، އިންސާފާއި ނާއިންސާފާއި، ސުލްހައާއި ނިރުބަވެރިކަމުންކުރެ އިޚުތިޔާރުކުރާނޭ ގޮތްތަކެއް ދުނިޔެއިން ނިންމަންޖެހޭކަމަށް ވިދާޅުވެފައެވެ.
ދިވެހިރާއްޖެއިން އަބަދުވެސް ގެންދަނީ، އިންސާނީ ކަރާމާތާއި، އިންސާފުގެ ދިފާއުގައްޔާއި، އިސްތިއުމާރާއި އަނިޔާގެ ބިރުވެރިކަމެއް ނެތި މިނިވަންކަމާއެކު ދިރިއުޅުމުގެ ހައްގަށް ގޮވާލައި އަޑުއުފުލަމުންނެވެ.