ޚަބަރު ރާއްޖެ

މީޑިއާ ރެގިއުލޭޓް ބިލް ބޭރުކުރުމަށް ހުށަހެޅި ޕެޓިޝަންގެ މަސައްކަތް ކުރިއަށް ނުގެންދަން ކޮމެޓީން ނިންމައިފި

ތުޅާދޫ ދާއިރާގެ މެންބަރު، ޢަބްދުލްޙަންނާން އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ މީޑިއާ ރެގިއުލޭޓްކުރާ ބިލް ބޭރުކުރުމަށް މަޖިލީހަށް ހުށަހެޅި ޕެޓިޝަނަށް ބޭރުކޮށްލައިފިއެވެ.

 

މި ބިލާމެދު ނޫސްވެރިންގެ މެދުގައި ހުރި ކަންބޮޑުވުންތައް ހާމަކޮށް، މަޖިލީހުން މި ބިލު ބޭރުކޮށްދިނުން އެދި ނޫސްވެރިންގެ ފަރާތުން ހުށަހަޅާފައިވާ ޕެޓިޝަނުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމާފައިވަނީ މި ބިލާމެދު އެ ކޮމިޓީން، ބިލުގެ މަސައްކަތް ކުރައްވާ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް، ޕެޓިޝަނުގައި ފާހަގަކޮށްފައިހުރި ކަންކަން ފަސް ނުކުތާއެއްގެ މައްޗަށް ބިނާކޮށް ފޮނުވި ސިޓީގެ ޖަވާބުގައި އެކަންކަމަށް ހައްލު ހޯދައިދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީއެވެ.

 

ޕެޓިޝަނުގެ މަސައްކަތް އިތުރަށް ކުރިއަށް ގެންދަން ނުފެންނަ ކަމަށް ވިދާޅުވެ، މަޑަވެލީ ދާއިރާގެ މެންބަރު މުޙައްމަދު ޝަމީޒު ހުށަހެޅުއްވާ، ހިންނަވަރު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުއްރަޙްމާން ތާއީދުކުރެއްވި މައްސަލަ ބަލައިގަތުމަށް ވޯޓުދެއްވާފައިވަނީ ވޯޓުގައި ބައިވެރިވި 6 މެންބަރުންގެ ތެރެއިން ފަސް މެންބަރުންނެވެ. ނުފެންނަކަމަށް ވޯޓުދެއްވީ އެންމެ މެންބަރެކެވެ.

 

ޕެޓިޝަނުގެ މަސައްކަތް ކުރިއަށް ނުގެންދަން ނިންމުމަށްފަހު، ކޮމިޓީގެ މުގައްރިރު ވަނީ ޕެޓިޝަން ކޮމިޓީއަކީ އަދި މަޖިލީހުގެ އެއްވެސް ކޮމިޓީއަކީ ހުށަހެޅިފައިވާ ބިލެއް ބޭރުކުރުމުގެ ބާރު އޮންނަ ތަންތަން ނޫންކަން ފާހަގަކުރައްވާފައެވެ. އަދި މި ބިލާމެދު ކަންބޮޑުވުން ފާޅުކޮށް މަޖިލީސްދޮށުގައި ނޫސްވެރިން މުޒާހަރާކުރަމުންދާތީ، އެ ސަރަހައްދުގައި ސްކޫލްތަކެއް ހުންނަކަން ފާހަގަކުރައްވާ، ވިދާޅުވީ މުޒާހަރާތަކުގެ ސަބަބުން އެ ސްކޫލްތަކުގެ ދަރިވަރުންނަށް ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށެވެ.

 

އެހެންކަމުން މިކަމަށް ރިއާޔަތްކުރުމަށް ނޫސްވެރިންގެ ކިބައިން މުގައްރިރު ވަނީ އެދިވަޑައިގެންފައެވެ.

 


  • ނޫސްވެރިން
  • ރައްޔިތުންގެ މަޖިލިސް
  • ކޮމެންޓް