60 މެމްބަރުންގެ ވޯޓާއެކު މީޑިއާ ރެގިއުލޭޝަން ބިލް މަޖިލީހުން ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަން ބިލު" މަޖިލީހުގެ ތަޅުމުން ފާސްކުރީ، އެ ބިލާއިމެދު ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ނޫސްވެރިންނާއި އާންމުންގެ ބަޔަކު އިހުތިޖާޖު ކުރަމުންދަނިކޮށްނެވެ.
މި ބިލު ފާސްކުރީ ދައުރުން ބޭރުގައި، ސެޕްޓެމްބަރ 16 ވީ އަންގާރަ ދުވަހުގެ ރޭ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަައެވެ.
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ރެގިއުލޭޝަންގެ" ބިލު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކުރީ ހޯމަ ދުވަހުއެވެ. މަޖިލީހުގެ ގަވާއިދުގެ ދަށުން ކޮމިޓީން ބިލު ފާސްކޮށް ބިލުގައި ގާނޫނުއަސާސީއާ ނުވަތަ އެއްވެސް ގާނޫނަކާ ތައާރުޒުވާ ކަމެއް އޮތްތޯ ބެލުމަށް ކައުންސެލް ޖެނެރަލަށް ފޮނުއްވެވިއެވެ. ކައުންސެލް ޖެނެރަލް ވަނީއެފަދަ ކަމެެއް ނެތްކަމަށް ވިދާޅުވެފައެވެ.
މީޑިއާތައް ވާން ޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓް ކުރެވޭނެ ބަޔަކަށްކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެކި މަންސަތަކުގައި ވިދާޅުވަމުންދާއިރު، އެމަނިކުފާނު ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ފަރާތްތަކުގެ ތެރޭގައި ވެސް މީޑިއާތައް ހިމެނެއެވެ. އެ ބައްދަލުކުރެއްވުމުގައި މީޑިއާތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާ، އެކަންކަމަށް ހައްލު ހޯދައިދެއްވުމަށް ވަނީ މަސައްކަތްވެސް ފައްޓަވާފައެވެ.