މީޤާތު ހައްޖު އެންޑް އުމްރާ ގްރޫޕާއެކު މި ހިނގާ ސެޕްޓެމްބަރ މަހު އުމްރާއަށް ދާ ފަރާތްތަކަށް މައުލޫމާތު ދިނުމުގެ ސެޝަން ބާއްވައިފިއެވެ.
ތާޖުއްދީން ސްކޫލުގެ ލޯމާފާނު މާލަމުގައި މިރޭ 8:30 ގައި ބޭއްވި މި ސެޝަންގައި އުމްރާ އަށް ތައްޔާރުވާނެގޮތާއި އެ އަޅުކަމުގައި އުޅޭއިރު، ޢަމަލުތައް ބަހައްޓަންޖެހޭނޭގޮތްތައް ވަނީ ކިޔައިދީފައެވެ. އަދި ދަތުރުގެ އިންތިޒާމު ހަމަޖެހިފައިވާގޮތްތައް ވެސް ކިޔައިދިނެވެ.
މީގެއިތުރުން ދިގުމުއްދަތަކަށް ބޭސްކާ ފަރާތްތަކުން ޢަމަލުކުރަން ޖެހޭނެ ގޮތްތަކާއި ސިއްހީގޮތުން ކޮންމެހެން އެނގެންޖެހޭ ކަންކަން ވެސް ކަމާއިގުޅުންހުރި ތަޖުރިބާކާރުން ވަނީ ކިޔައިދީފައެވެ. ހާއްސަކޮށް ގިނައިން ދިޔާއެއްޗެހި (ފެން) ބުއިމަށް އާދަކުރުމަށް ނަސޭހަތްތެރިވިއެވެ.
ހަމަމިއާއެކު މި ސެޝަންގައި ދީނީ އިލްމުވެރިންގެ މުއްސަނދި ބަސްތަކުން އިސްލާމް ދީނުގައި އުމްރާގެ މާތްކަމާއި ޘަވާބާއި ދަރުމައިގެ ވާހަކަތައް ވަނީ ކިޔައިދީފައެވެ.
މީޤާތު ގްރޫޕުން މި ސެޕްޓެމްބަރ މަހު އުމްރާއަށް ފޮނުވާ މީހުންގެ ފުރުމަށް ތާވަލުކޮށްފައިވަނީ މި މަހުގެ 19 ވާ ހުކުރު ދުވަހުއެވެ. އެގޮތުން ފުރަތަމަ ފްލައިޓު ހެނދުނު ފުރާއިރު، ދެވަނަ ފްލައިޓު ފުރާނީ މެންދުރުފަހުއެވެ.
އުމްރާގެ އަޅުކަމަށް ހޭލުންތެރިކުރުވާ، މައުލޫމާތު ދިނުމަށް އެ ގްރޫޕުން ގެންދަނީ އޮންލައިން ކްލާސްތަކެއް ވެސް ބާއްވަމުންނެވެ. އަދި މި ކްލާސްތައް އާންމުކޮށް ހުރިހާ ފަރާތްތަކަށް ހުޅުވާލާފައިވާއިރު، ގިނަބައެއްގެ ތަރުހީބު ވެސް ދަނީ ލިބެމުންނެވެ. އަދި ކްލާސްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝުއޫރުތައް ވެސް ރަނގަޅުކަން ފާހަގަކޮށްލެވެއެވެ.
މީގެއިތުރުން އުމްރާގެ މަތިވެރި އަޅުކަމާއިގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ވީޑިއޯ މެސެޖުތަކެއް ވެސް މީސްމީޑިއާގައި އަންނަނީ ހިއްސާކުރަމުންނެވެ.