ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑު ހެއްދުމުގެ ހިދުމަތް ގާއިމުކޮށްފިއެވެ.
އެންމެފަހުން މި ހިދުމަތް ގާއިމުކޮށްފައިވަނީ އެމަނިކުފާނު ވ. އަތޮޅަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ފެލިދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ. އެރަށުގައި އައިޑީ ކާޑުގެ ހިދުމަތް ފައްޓަވައިދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރެވެ.
މި ދަތުފުޅުގައި ފެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވަނީ އެރަށުގައި އައިޑީ ކާޑުގެ ހިދުމަތް ރަސްމީގޮތުން ފެއްޓެވުމާ އެކު، ކަނޑައަޅުއްވާފައިވާ އަމާޒާ އެއްގޮތަށް، މިއަހަރު ނިމުމުގެ ކުރިން ދިވެހިރާއްޖޭގެ ކޮންމެ އަތޮޅެއްގައި ވެސް މި ހިދުމަތް ގާއިމްކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުގެ މަގްސަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރައްޔިތުން އަސާސީ ހިދުމަތްތަކަށް މާލެއަށް ބަރޯސާވާން ޖެހޭ ޖެހުން ނިމުމަކަށް ގެނައުންކަން ވެސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، 3،348 މީހުންނަށް އައިޑީ ކާޑު ހަދައިނުދީ އޮތް ކަމަށާއި އެހެންކަމުން ސަރުކާރުން މިކަމަށް ހާއްސަ އިސްކަމެއްދެއްވާފައިވާކަމަށެވެ. އެގޮތުން އައިޑީ ކާޑަށް އޮންލައިންކޮށް އެދުމުގެ ނިޒާމު އުވާލާ، ރަށު ކައުންސިލްތައް މެދުވެރިކޮށް ކާޑު ހައްދަން އެދެވޭ ގޮތަށް "ނާރެސް" ޕޯޓަލް ތައާރަފުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.
މިއަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އައިޑީ ކާޑު ޕްރިންޓުކޮށް، ކާޑު ހައްދައިދިނުމުގެ މަސައްކަތް އިފްތިތާހުކުރީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ.