އަންނައަހަރުގެ މާރިޗުމަހުގެ ކުރިން ވ. ތިނަދޫ އަށްޑޮލަރ އޭ.ޓީ.އެމް އެއް ގާއިމުކޮށްދެއްވާނޭކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ރާއްޖޭގެ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ފެލިދެ އަތޮޅު ތިނަދޫއަށް ވަޑައިގެން، އެ ރަށުގެ އިސްވެރިންނާއި ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ ވ. ތިނަދޫއަކީ ރަށުފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާ، ކުރިއަށް އޮތް 2026 ވަނަ އަހަރުގެ މާރިޗު މަހުގެ ކުރިން ޑޮލަރ އޭ.ޓީ.އެމްގެ ހިދުމަތް، ރަށުގައި ތައާރަފުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
ތިނަދޫ ބަނދަރު ސަރަހައްދުގައި ކުރިއަށް ގެންދެވި މި މަޝްވަރާ ބައްދަލުކުރެއްވުމުގައި އެރަށު ކައުންސިލުން ވަނީ ރަށުގެ ކަންކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކުރައްވައި، ރަށަށް މި ވަގުތު އެންމެ ބޭނުންވެފައިވާ މުހިންމު ކަންކަން ރައީސުލްޖުމްހޫރިއްޔާއަށް ދަންނަވާފައެވެ. އަދި އުމްރާނީ ގޮތުންނާއި، ސިއްހީ ދާއިރާގެ ކަންކަން ހިމެނޭހެން ރަށުގެ ތަރައްގީއަށް ސަރުކާރުން ކުރައްވާފައިވާ، އަދި މިހާރުވެސް ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި، ރަށުގެ ކައުންސިލުންވަނީ ރައީސް އަށް ޝުކުރު އަދާކުރައްވާފައެވެ.
ކައުންސިލާއި ރައްޔިތުންގެ ފަރާތުން ހުށަހެޅުއްވި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައީސް ވަނީ، އެކަންކަމުގެ ޙައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ރަށަށް މިވަގުތު ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަފާފުރުމުގެ ދަތިކަން ކަމުގައި ފާހަގަކުރައްވަމުން އެމަނިކުފާނު ވަނީ، ރަށުގެ ބަނދަރުގެ މައްސަލަ ހައްލުކޮށްދެއްވާނެކަމުގައި ވިދާޅުވެފައެވެ.
މީގެއިތުރުން މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ތިނަދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) ގެ އޭ.ޓީ.އެމް ހިދުމަތް ވެސް ރަސްމީކޮށް އިފްތިތާހުކޮށްދެއްވާފައެވެ.