ފެލިދެއަތޮޅު ކެޔޮދޫގެ ބިންހިއްކުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ކުރީކޮޅު ފަށާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ މިއީ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދެއްކަން ފާހަގަކުރައްވާފައެވެ. އަދި ކެޔޮދޫގެ ތަރައްގީއާއި ކުރިއެރުމަށް ބިމުގެޖާގަ ބޭނުންވާތީ ބިންހިއްކަންޖެހޭކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން، އަހަރުގެ ކުރީކޮޅު އެ މަޝްރޫއުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާކަމަށް ވަނީ ވިދާޅުވެފައެވެ. ރައީސް ކެޔޮދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ ޖަލްސާގައި އެެރަށު ސއްހީ މަރުކަޒުގެ އައު އިމާރާތް ގާއިމްކުރުމުގެ އެއްބަސްވުމާއި ހަތަރު ބުރީގެ ސްކޫލް އިމާރާތެއް އެޅުމުގެ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވާފައެވެ.
މި މަޝްރޫއުތަކަށް އިޝާރާތްކުރައްވާ ރައީސް ވިދާޅުވީ އަލަށް ގާއިމުކުރާ ސިއްހީ މަރުކަޒުގައި ވަސީލަތްތައް އިތުރުވާނެކަމަށާއި އެތަން ނިމޭއިރު، ވިހި އެނދު ހުންނާނެކަމަށެވެ. އަދި ސްކޫލްގެ މަސައްކަތް ނިމޭއިރު ޖާގައާއި ހޯލާއި އެހެނިހެން ވަސީލަތްތައް ފުރިހަމަވާނެކަމަށް ވިދާޅުވިއެވެ.
ހަތަރު ބުރީގެ ސްކޫލްގެ މަސައްކަތް ނިމުމުގެ ކުރިން މިހާރު ހުރި ސްކޫލަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކޮށް، ކްލާސްރޫމް އޭސީ ކުރުމުގެ މަސައްކަތްވެސް ކުރިއަށް ގެންދަވާނެކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކެޔޮދޫ އަކީ ލޯކަލް ޓޫރިޒަމް ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވާ، އެމަނިކުފާނު ވަނީ އަންނަ އަހަރުގެ މާރިޗް މަހުގެ ކުރިން ކެޔޮދޫގައި ވެސް ޑޮލަރު އޭޓީއެމެއް ބަހައްޓަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ކެޔޮދޫއަށް ކުރެއްވި ދަތުރުފުޅުގެތެރެއިން އެރަށު ކައުންސިލް އިދާރާގެ ބިންގާ ވެސް ވަނީ އަޅުއްވާފައެވެ.