އަންނަމުންދާ ކުރިއެރުން ދެމެހެއްޓުމަށް ކީރިތި ޤުރުއާނުގެ ހިދާތުގެ އަލީގައި މަސައްކަތް ކުރަންޖެހޭކަމުގައި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ކީރިތި ޤުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާގައި ވާހަކަދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އެހެންކަމުން ކީރިތި ޤުރުއާނަށް ހާއްސަ ވަޤުފް ފަންޑާއެކު ކުރިއަށް އޮތްތަނުގައި ފީދައްކައިގެން ޤުރުއާން ކުލާސްތަކަށް ދާ ދަރިވަރުންގެ ފީ ހަމަޖެހިގެންދާނީ އެފަންޑުގެ ތެރެއިންކަމަށެވެ.
"ކޮންމެ ދައުރެއްގައިވެސް ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތަށް އެއިރެއްގެ ފެންވަރުން ކުރިއެރުން ގެނައުމަށް މަސައްކަތް ވަނީ ކޮށްފަ. އެހެންނަމަވެސް މިއަދު ސީދާ ރައީސުލްޖުމްހޫރިއްޔާގެ ނިންމެވުމާއެކު، އަގު ބޮޑެތި އިނާމުތަކާއެކު މުޅި މުބާރާތުގެ ޝަރަފު އެތައް ގޮތަކުން މިވަނީ މަތިވެފަ."
އެގޮތުން މުބާރާތުގެ ވަނަތަކަށް ދޭ ފައިސާގެ އިނާމުގެ އަގު ބޮޑުވުމާއި، މުބާރާތުން ޝަރަފުވެރި އެއްވަނަ ހޯދާ ދަރިވަރުން ބޭނުން ދާއިރާއަކުން ބޭނުން ގައުމަކުން ކިޔެވުމުގެ ފުރުސަތު ރައީސުލްޖުމްހޫރިއްޔާގެ ސްކޮލަރޝިޕްގެ ދަށުން ލިބިގެންދިޔުން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އަދި ފެށިގެން މިދަނީ ކީރިތި ޤުރުއާން ކިޔެވުމުގެ ފަންނުގައި ރާއްޖޭގައި މުޅިން އައު ސަފްހާއެއްކަމަށް ވެސް ވިދާޅުވިއެވެ.