ގުރައިދޫ މަރުކަޒުގައި ގަސް އިންދުމުގެ ޚާއްސަ ޕްރޮގްރާމެއް ހިންގައިފި

4 months ago

އަފްރާހް

މާލެއަތޮޅު ގުރައިދޫގައި ހުންނަ ހާއްސައެހީ އަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ގަސް އިންދުމުގެ ހަރަކާތެއް ހިންގައިފިއެވެ.


އެ މަރުކަޒުގައި މިހާރު ބޭނުންކުރަމުން އަންނަ ފަރުވާގެ މޮޑެލްގެ ދަށުން ފަރުވާއާއި ރީހެބިލިޓޭޝަނާއި މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތައް އަނބުރާ މުޖުތަމައަށް ގެނައުމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ އިން ވަރަށްބޮޑަށް އިސްކަންދޭ ކަމެކެވެ.


މިއީ އެފަރާތްތައް ރީހެބިލިޓޭޓްކޮށް، ދިރިއުޅުމުގެ އެކި ހުނަރުތައް ދަސްކޮށްދިނުމުގެ ގިނަ ޕްރޮގްރާމުތައް އަމާޒުކޮށްގެން އެ މަރުކަޒުގައި ގިނަ ހަރަކާތްތަކެއް ގެންދަނީ ރާވައި، ހިންގަމުންނެވެ.


އެމަރުކަޒުގައި ފަރުވާ ހޯދަމުންދާ ފަރާތްތަކާއި މުވައްޒަފުންނަށް ހިތްފަސޭހަ މާހައުލެއް ގާއިމުކުރުމުގެ މަގުސަދުގައި ގަސްއިންދުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ޖޫން ތިންވަނަ ދުވަހުއެވެ.


އެމަރުކަޒުން ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އެފަރާތްތައް އަލުން މުޖުތަމައަށް އަނބުރާ ގެންނަން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، އިޖުތިމާއީ ހުނަރުތައް ދަސްކޮށްދިނުމަށްޓަކައި މިފަދަ ގިނަ ޕްރޮގްރާމްތައް ރާވައި، އެފަރާތްތަކުގެ ބައިވެރިވުން ނުހަނު މުހިންމެވެ.


މިއީ އިޖުތިމާއީ ހުނަރުތައް އެފަރާތަކަށް ދަސްކޮށްދީ އިޖުތިމާއީ ކަންކަމަށް އިތުރަށް އަހުލުވެރިކުރުވުމަށް ބާރުއަޅާ، އެ މަގުފަހިކޮށްދިނުމުގެ ނިޔަތުގައި ކުރެވޭ މުހިންމު މަސައްކަތްތަކެކެވެ.


މިފަދަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ އެންމެ މުހިންމު މަގުސަދަކީ މި މަރުކަޒުގައި ފަރުވާ ހޯދާ މުއްދަތަކީ ކޮންމެ ފަރާތަކަށް ވެސް އުފާވެރި، ހިތްހަމަޖެހޭ، ދުވަސްތަކަކަށް ހެދުމެވެ. އަދި ގަސް އިންދުމުގެ މި ޕްރޮގްރާމް ހިންގުމުގައި ގުރައިދޫ ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާކަން އެ ވުޒަރާ އިން ވަނީ ފާހަގަކުރައްވާފައެވެ.


ކުރިއަށް އޮތް ތަނުގައިވެސް މަރުކަޒުގައި ފަރުވާ ހޯދަމުން އަންނަ ފަރާތްތަކުގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށް، އިޖުތިމާޢީ ގުޅުންތައް ބަދަހިކުރުމުގެ ގޮތުން މިފަދަ ގިނަ ޕްރޮގްރާމްތަކެއް ހިންގުމަށްވަނީ ހަމަޖެހިފައެވެ. 


ކިޔުންތެރިންގެ ހިޔާލު