އަމާޒަކީ އެންމެން އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން: މިނިސްޓަރ

4 months ago

އަފްރާހް

އިންޓަނޭޝަނަލް ލޭބަރ ކޮންފަރެންސް ގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. މަރިޔަމް މާރިޔާ ޚިތާބު ދެއްވައިފިއެވެ.


މި ކޮންފަރެންސް ގެ 112 ވަނަ ބައްދަލުވުން ބާއްވާފައިވަނީ ސުވިޓްޒަލެންޑްގެ ޖެނީވާ ގައިި 4 ޖޫން ގައެވެ.


މި ކޮންފަރެންސްއަކީ ދުނިޔޭގެ އެކި ޤައުމުތަށް ބައްދަލުވެ، އައި.އެލް.އޯގެ އެކި އުސޫލުތަކާމެދު މަޝްވަރާކޮށް އިޖުތިމާއީގޮތުންނާއި މަސައްކަތުގެ މާހައުލުގެ މުހިންމު ސުވާލުތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާއްވާ ކޮންފެރެންސްއެކެވެ.


މި ބައްދަލު ކުރެއްވުމުގައި މިނިސްޓަރ މާރިޔާގެ ޚިތާބުގައި 2009 ވަނަ އަހަރުން ފެށިގެން ރާއްޖެ އިން އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަން (އައި.އެލް.އޯ) ގައި ބައިވެރިވެ، މަސައްކަތުގެ މައިދާނުގައި މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވައިގެން ނަންގަވަންޖެހޭ ފިޔަފަޅުތައް ނަންގަވާފައި ވާކަން ވަނީ ފާހަގަކުރައްވާފައެވެ.


ވަޒީފާގެ ބާޒާރުގައި އެންމެންގެ މަސްލަހަތު ހިމާޔަތް ކުރުމަށްޓަކައި ވަޒީފާދޭ ފަރާތްތަކާއި މަސައްކަތްތެރިންނާއި ގުޅިގެން ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ސަރުކާރުން އިސްނަންގަވައިގެން ހީވާގިކަމާއެކު އެތައް މަސައްކަތެއް ކުރައްވާފައިވާ ކަމަށް އެކަމަނާ ވަނީ ވިދާޅުވެފައެވެ.


"އަޅުގަނޑުމެންގެ އަމާޒަކީ މަސައްކަތުގެ ދާއިރާގައި އެންމެން އެކުގައި އެކަކު އަނެކަކަށް އިޙްތިރާމްކޮށްގެން، އެކުގައި މަސައްކަތްކުރާ މާހައުލެއް އުފެއްދުން" މިނިސްޓަރ ވިދާޅުވިއެވެ.


މިނިސްޓަރ ގެ ޚިތާބުގައި އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަނުން މަސައްކަތްތެރިންގެ ހައްގުތަކާއި ކަރާމާތްތެރިކަން ރައްކާތެރިކުރުމަށާއި އިޖްތިމާއީ އިންސާފުވެރިކަން ދެމެހެއްޓުމަށް ކުރައްވާ ބުރަމަސައްކަތުގެ އަގުވަޒަންކުރައްވައި، ހަމަހަމަ މުޖުތަމައެއް ޤާއިމުކުރުމަށް އެއްބާރުލުން ދެއްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު