މެރިއޮޓް އިންޓަރނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފި

4 months ago

އަފްރާހް

"ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމް"ގެ ދަށުން މެރިއޮޓް އިންޓަރނޭޝަނަލްގެ ދެވަނަ ބެޗު ފަށައިފިއެވެ.


މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާރޓްސްއިން ހިންގާ ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމަކީ މަސައްކަތުގެ މާހައުލުގައި ތިބެގެން އެ މަސައްކަތުގެ ތަޖުތިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ.


މި ޕްރޮގުރާމުގެ ދެވަނަ ބެޗު ފަށާފައިވަނީ ޝެރަޓޮން މޯލްޑިވްސް ފުލް މޫން ރިސޯޓު އެންޑް ސްޕާގައި ޖޫން 5 ވަނަ ދުވަހުއެވެ.


މި ރަސްމިއްޔާތުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު އަދި ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަތީފު ބައިވެރިވެވަޑައިގެންނެވިއެވެ.


ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގުރާމްގެ ދަށުން މެރިއޮޓް އިންޓަރނޭޝަނަލްގެ ފުރަތަމަ ބެޗްގެ ބައިވެރިން މާރޗް މަހުގެ ތެރޭގައި 43 ޒުވާނުން ގްރެޖުއެޓުވިއިރު އެހުރިހާ ޒުވާނުންނަށް ވަޒީފާ ވަނީ ޔަގީންވެފައެވެ.


ދެވަނަ ބެޗުގައި ޖުމްލަ 60 ޒުވާނުން ބައިވެރިވާއިރު އޭގެ ތެރެއިން 43 ޒުވާނުންނަކީ ސްކޫލަށް ފަހު ކެރިއަރު ފަށާ އެޕްރެންޓިސްތަކެކެވެ.


މިޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ޑިވެލޮޕްމެންޓް އޮތޯރިޓީގެ ނެޝަނަލް ސްޓޭންޑަރޑްތަކާ އެއްގޮތަށެވެ.


މި ޕްރޮގުރާމުގެ ބައިވެރިންނަށް މަހުން މަހަށް ދޭ އެލަވަންސާއި ކެއުމާއި ހުރުން ވެސް ހަމަޖެހިގެންދާއިރު ޕްރޮގްރާމް ނިމުމުން ގްރެޖުއޭޓުވާ ފަރާތްތަކަށް އެމްއެންއެސްޑީއޭ އިން ނެޝަނަލް ސެޓްފިކެޓް އެމްއެންކިއުއެފް ލެވެލް 3ގެ ލިބިގެންދާނެއެވެ.


މި ޕްރޮގުރާމުގެ މަގުސަދުތަކުގެ ތެރޭގައި މަސައްކަތްތެރިކަމުގެ ދާއިރާގެ ތަމްރީނު ހޯދުމަށް ޝައުޤުވެރިވާ ޒުވާނުންނަށް މަސައްކަތްތެރިކަމުގެ ދާއިރާއިން ސަރުކާރު ޤަބޫލުކުރާ ފެންވަރުގެ ތަމްރީނު ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުން ހިމެނެއެވެ.


މީގެ އިތުރުން މި ޕްރޮގްރާމް ފުރިހަމަކުރާ ފަރާތްތަކަށް މަސައްކަތްތަކާއި ގުޅޭގޮތުން ނެޝަނަލް ކޮމްޕިޓެންސީ ބޭސްޑް ޓްރެއިނިންގް ސްޓެންޑާރޑް ތަކުގައި ހިމަނާފައިވާ ހުރިހާ ކޮމްޕިޓެންސީއެއް ހާސިލްކުރެވިފައިވޭތޯ ބަލައި، ކަށަވަރުކުރުމަށްފަހު، ތަމްރީން ފުރިހަމަކުރި ކަމުގެ ޤައުމީ ސަނަދު ދޫކުރުން މި ޕްރޮގުރާމުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނެއެވެ.


ހަމައެހެންމެ މަސައްކަތްތެރިކަމުގެ ދާއިރާގައި މިހާރު ހަރަކާތްތެރިވާ ބިދޭސީންގެ އަދަދު މަދުކޮށް، އެވަޒީފާތައް އަދާކުރުމަށް އިތުބާރާއިއެކު، މަސައްކަތްކުރެވޭނެ ފެންވަރުގެ ހުނަރުވެރި ދިވެހި ޒުވާން މަސައްކަތްތެރީންތަކެއް ވަޒީފާގެ ބާޒާރަށް ނެރުން ވެސް މި ޕްރޮގްރާމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެއެވެ.


ތެދުވެރިކަމާއި، ނަޒާހަތްތެރިކަމާއިއެކު އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ޚަރަދުބަރަދު ހަމަޖައްސާލެވޭނެ މިންވަރުގެ އާމްދަނީއެއް ހޯދައި، އަބުރުވެރިކަމާއިއެކު ދިރިއުޅެވޭނެމަގު ޒުވާން ދިވެހީންނަށް ފަހިކޮށްދިނުމަކީ ވެސް މިޕްރޮގުރާމުގެ މަގްސަދެކެވެ.


ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުތައް ކުރިޔަށް ދާނީ މައިގަނޑު 6 ދާއިރާއަކަށް ހާއްސަ ކުރެވިގެންނެވެ. އޭގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދަތުރުފަތުރުގެ ދާއިރާ، އިމާރާތްކުރުމުގެ ދާއިރާ، އިޖްތިމާއީ ދާއިރާ، މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ، އަދި އިންފޮމޭޝަން، ކޮމިޔުނިކޭޝަން ޓެކްނޮލޮޖީ ދާއިރާ ހިމެނެއެވެ. 


ކިޔުންތެރިންގެ ހިޔާލު