6 months ago
ޔުނިވަރސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެދިވަޑައިގެންފިއެވެ.
އެކަމަނާ މިފަދައިން އެދިވަޑައިގެންނެވީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ޙަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.
މެޑަމް ސާޖިދާ ވަނީ ޢިލްމާއި ހުނަރު ތަރައްޤީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް އެކަމަނާ ދަސްވެނީންގެ ކިބައިން އެދިވަޑައިގެންނެވިއެވެ.
މީގެއިތުރުން ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ގާބިލުކަން އިތުރުކުރުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީގައި ކިޔަވަމުންދާއިރު، މީހުންނާ ގުޅިގެން އުޅުމާއި މުއާމަލާތު ކުރުމުގެ ގާބިލުކަން އަށަގެންނެވުމަށް އިސްކަންދޭން ޖެހޭ ކަަމަށް ވެސް ވިދާޅުވިއެވެ.
ހަމަމިއާއެކު ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލުކަމާއި ކަންކަމަށް އައު ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ގާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
އެކަމަނާ ވަނީ އެ ޔުނިވަރސިޓީއަކީ ފަހުގެ ތާރީޚުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީޚީ ހިޔާވައްސެއްކަން ފާހަގަކުރައްވައި، އެ ޔުނިވަރސިޓީ ފެށިގެންއައި ގޮތުގެ ތާރީޚަށް އަލި އަޅުވާލައްވާފައެވެ.