ރައީސް ޑރ. މުއިއްޒު އިންޑިއާ އަށް

4 months ago

އަފްރާހް

އިންޑިއާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ތިންވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި، ނަރެންދުރަ މޯދީ، ހުވާކުރުމުގެ ރަސްމިއްޔާތަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.


އިތުބާރުހުރި މަސްދަރަކުން ހާމަކުރިގޮތުގައި މޯދީ ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައިގަތުމަށް ރައީސަށް ވަނީ ދައުވަތު ލިބިވަޑައިގެން، އެ ދައުވަތު ގަބޫލުފުޅު ކުރައްވާފައެވެ. އަދި ރައީސް އިންޑިއާ އަށް ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ޖޫން 8 ވާ ހޮނިހިރު ދުވަހުއެވެ.


މައުލޫމާތު ލިބިފައިވާގޮތުގައި މި ދަތުރުފުޅުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ބައިވެރިވެވަޑައިގަންނަވާނެއެވެ.


ރައީސްގެ ދަތުރުފުޅު ނިންމަވައިލައްވާ ރާއްޖެ ވަޑައިގަންނަވާނީ 9 ވާ އާދީއްތަ ދުވަހުއެވެ.


އެހެންނަމަވެސް މިކަމާއިގުޅިގެން ރަސްމީކޮށް އެއްވެސް އިދާރާއަކުން މިހައިތަނަށް ބަހެއް ހާމައެއް ނުކުރައްވައެވެ.


މޯދީ ހުވާކުރައްވާ ރަސްމިއްޔާތު އޮންނާނީ އިންޑިއާ ގަޑިން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:30 ގައި ކަމަށް އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު