މަތީ ތައުލީމު ހާސިލުކުރާ ފަރާތްތަކުން އައިޔޫއެމް އިން ވަނީ ބޮޑު ގުރުބާނީއެއް: ނައިބު ރައީސް

4 months ago

އަފްރާހް

ސަރުކާރުގެ އަމާޒަކީ މަތީ ތަޢުލީމު ޙާސިލުކުރަމުންދާ ދަރިވަރުންގެ ދަތިތަކަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމުގައި ނައިބު ރައީސް އަލް އުސްތާޛު ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.


އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ އެ ޔުނވަރސިޓީން، ރާއްޖޭގެ އެއްބައިވަންތަކަން ދެމެހެއްޓުމުގައި އަދާކުރަމުންދާ ދައުރުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.


އެގޮތުން އެޔުނިވަރސިޓީން ދަސްވެނިވެގެން ގައުމީ ޚިދުމަތަށް ނުކުންނަ ކޮންމެ ޒުވާނަކީ އިސްލާމް ދީނުގެ މަތިވެރި ޝިޢާރުތަކާއި ޤައުމިއްޔަތުގެ މުހިއްމު ބަހާތަކަށް ރައްކާތެރިވާނެ ދަރިވަރުންތަކަކަށްވާނެ ކަމަށް ޔަގީންކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މިއަދު ރާއްޖޭގެ ކަންކަން ބައްޓަންވެފައިވާ ގޮތުން މަތީ ތަޢުލީމު ޙާސިލުކުރާ ފަރާތްތަކުން ވަރަށް ބޮޑު ޤުރުބާނީއެއް ވަމުންދާކަން ފާހަގަކުރެއްވިއެވެ.


އެމަނިކުފާނުގެ ވާހަކަފުޅުގައި މަތީ ތަޢުލީމު ހާސިލުކުރުމަށްފަހު ކޮންމެ ދާއިރާއެއްގައި މަސައްކަތްކުރި ނަމަވެސް ފުރަތަމަ، ގައުމީ މަސްލަހަތަށާއި މުޖުތަމައުގެ ހަމަޖެހުމަށް އިސްކަންދިނުމަށް އެދިވަޑައިގަންނަވާފައެވެ. އަދި ތަޢުލީމީ ހަރުފަތް ނިމުނުނަމަވެސް ޢިލްމީ ދިރާސާކުރުން ގިނަކޮށް، ފޮތް ކިޔުމަށް ޝައުގުވެރިކަން އިތުރުކޮށް އަމިއްލަ ކުރިއެރުމަށް ކުރާ މަސައްކަތް ހުއްޓާނުލުމަށް ވެސް އެދިވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު