ޖޫން 20 ވަނަ ދުވަސް ސަރުކާރު ބަންދު

4 months ago

އަފްރާހް

މި ޖޫން މަހުގެ 20 ވާ ބުރާސްފަތި ދުވަހަކީ، ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ހަމަޖައްސަވައިފިއެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވަނީ ޖޫން މަހުގެ 20 ވަނަ ދުވަސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖެއްސެވީ މި 1445 އަހަރުގެ ޛުލްޙިއްޖާމަހުގެ ހަނދު ސާބިތުކުރުމުގެ އުސޫލަށް ރިޢާޔަތްކުރައްވައި ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދުވަހަކީ ޖޫން 7 ވީ ހުކުރު ދުވަސްކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ކަނޑައެޅުއްވުމާ ގުޅިގެން ކުރިން ކަލަންޑަރުގައި ދުވަސްތައް ކަނޑައަޅާފައިވާ ގޮތަށް ބަދަލުއައުމާ ގުޅިގެންނެވެ.


އެގޮތުން މިހާރު އަރަފާތު ދުވަހަކީ ޖޫން 15 ވާ ހޮނިހިރު ދުވަސް ކަމަށާއި އަޟްޙާ ޢީދު ދުވަހަކީ ޖޫން 16 ވާ އާދީއްތަ ދުވަސް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. މި އަހަރުގެ ޙައްޖު ދުވަހާއި، އަޟްޙާ ޢީދު ދުވަހުގެ އިތުރުން ސަރުކާރު ބަންދުވާނީ، އަޟްޙާ ޢީދުގެ މުނާސަބަތުގައި ބަންދުވާ މި ޖޫން މަހުގެ 17، 18، 19 މި ތިން ދުވަހެވެ.


ރައީސް މިގޮތަށް ހަމަޖެއްސެވުމާ ގުޅިގެން، ޢީދު ބަންދަށްފަހު ސަރުކާރުގެ އޮފީސްތައް ހުޅުވޭނީ، ޖޫން 23 ވާ އާދީއްތަ ދުވަހުއެވެ. 


ކިޔުންތެރިންގެ ހިޔާލު