އިސްރަށްވެހިންގެ ނާދީގައި ބޭއްވި ދެ މުބާރާތެއްގެ ނަތީޖާ ފާޅުކޮށްފި

4 months ago

އަފްރާހް

އިސްރަށްވެހިންގެ ނާދީގައި ބޭއްވި ދެ މުބާރާތެއްގެ ނަތީޖާ ފާޅުކޮށްފިއެވެ.


މާލޭގައި ގާއިމްކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފައިވަނީ މަދަހަ މުބާރާތާއި ގުރުއާން އަތުލިޔުން މުބާރާތެކެވެ.


ޖީ-ކެއަރ އާއި ގުޅިގެން ކުރިއަށް ގެންދިޔަ މި ދެމުބާރާތުގެ ނަތީޖާ ފާޅުކުރުން ބުރާސްފަތި ދުވަހުގެ ރޭ އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންގޮސްފައިވާއިރު މުބާރާތުގެ ވަނަ ވަނައަށް އައި ފަރާތްތަކަށް މެޑަލްއާއި ތަށި ވަނީ ހަވާލުކުރެވިފައެވެ. އަދި މުބާރާތުގައި ބައިވެރިވި ހުރިހާ ފަރާތްތަކަށް އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީލިޔުން ވަނީ ހަވާލުކޮށްފައެވެ.


ގުރުއާން އަތުލިޔުން މުބާރާތުން އެއްވަނަ ހާސިލްކުރައްވާފައިވަނީ މަރިޔަމް ހަފްސާ އެވެ. މަދަހަ މުބާރާތުން އެއްވަނަ ހޯދީ ޒުހުދާ މުހައްމަދެވެ.


އިނާމު ދިނުމުގެ ޖަލްސާގައި މަދަހަ މުބާރާތުން އެއްވަނަ ހާސިލްކުރެއްވި ފަރާތުގެ މަދަހަ ހުށައެޅުމުގެ އިތުރުން، ނާދީއަށް ޒިޔާރަތްކުރައްވާ އިސްރަށްވެހިންގެ ފަރާތްޕުޅުން ވަނީ މަދަހައެއް ހުށައަޅުއްވާ ދެއްވާފައެވެ.


އިސްރަށްވެހިންގެ ނާދީއަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، ރާއްޖޭގައި ތިބި އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީގޮތުން ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން ހާއްސަ ހަރަކާތްތްތަކެއް ހިންގޭނެ މަރުކަޒުތަކެއް ޤާއިމްކުރުމަށް އެމަނިކުފާނު ވެލެއްވި ވައުދުފުޅުގެ މަތިން އެންމެ ފުރަތަމަ ގާއިމްކުރެވުނު މަރުކަޒެވެ.


އިސްރަށްވެހިންނަށް ޚާއްސަކޮށް ތަފާތު ހަރަކާތްތައް ނާދީގައި ކުރިއަށް ގެންދާއިރު، ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އިސްރަށްވެހިންގެ ނާދީގައި ކުރިއަށް ގެންދުޔަ ހަރަކާތްތަކުގައި 572 މީހުން ވަނީ ބައިވެރިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު