ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެކަމެއް ނޫން

4 months ago

އަފްރާހް

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމަކީ ވަކި އިދާރާއަކުން ނޫނީ ވަކި މުއައްސަސާއަކުން އެކަނި ކުރެވޭނެ މަސައްކަތެއް ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކްރޮސްރޯޑް މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އަދި އެއީ މުޅި މުޖުމަތައުގެ އެންމެހާ ރައްޔިތުންނާ ވެސް ގުޅިފައިވާ ކަމަކަށެވެ.

މީގެއިތުރުން ފަރުދީ ގޮތުން ކޮންމެ ރައްޔިތަކު ވެސް އަދާކުރައްވަންޖެހޭ ޒިންމާ އެންމެ ފުރިހަމަ ގޮތުގައި އަދާކުރެއްވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ. އަދި ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކަށީގެންވާ ފިޔަވަޅު އެޅިއްޖެނަމަ ކާބޯތަކެތީގެ ޒަރިއްޔާއިން ޖެހޭ ބަލިތައް ކުޑަކުރެވިގެން ދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މެޑަމް ސާޖިދާ ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަމާއި މެދު އާންމުންނާއި ކަމާއި ގުޅޭ މުއައްސަސާތައް އަހުލުވެރިކުރުމަކީ ކާބޯތަކެތީގެ ޒަރީއާއިންޖެހޭ ބަލިތައް ކޮންޓްރޯލްވެ، އެކަމުގެ ސަބަބުން ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރެވިގެންދާނެ ކަމަށެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހަކީ 07 ޖޫންއެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގްސަދަކީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް، އާއްމުން ހޭލުންތެރިކުރުވައި، ކާބޯތަކެތީގެ ޒަރީއާއިން ދިމާވާ އިޤްތިޞާދީ އަދި ޞިއްޙީ މައްސަލަތަކުން ސަލާމަތްވެ ދުޅަހެޔޮ އުފާވެރި މުޖުތަމައެއް ބިނާކުރުމެވެ.

މި އަހަރުގެ ކާބޯތަކެތީގެ ރައްކާތެރިކަމުގެ ދުވަހުގެ ޝިއާރަކީ "ކާބޯތަކެތީގެ ރައްކާތެރިކަން: ކުރިމަތިވެދާނެ ކަމަކަށް ތައްޔާރުވަމާ" އެވެ. 

ކިޔުންތެރިންގެ ހިޔާލު