ގުރައިދޫ މަރުކަޒުގެ ހިދުމަތް ފުޅާ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން: މިނިސްޓަރ

4 months ago

އަފްރާހް

ގުރައިދޫގައި ހުންނަ މަރުކަޒުގެ ހިދުމަތް ފުޅާ ކުރުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން ކަމުގައި ޖެންޑަރ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

އެކަމަނާ މިފަދައިން ވިދާޅުވީ މާލެއަތޮޅު ގުރައިދޫގައި ހުންނަ ހާާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ 48 ވަނަ އަހަރީ ދުވަސް ފާހަގކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ އަދުގެ ސަރުކާރުގެ މެނިފެސްޓޯގެ އެންމެ ބޮޑު އެއް ވައުދުގެ ގޮތުގައި ހިމެނިފައިވާ "އޯގާތެރި މުޖްތަމަޢު" މި ޝިޔާރުގެ ދަށުން މަރުކަޒުގެ ހިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަަކަމަށެވެ.

މީގެއިތުރުން ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާދީ، ތަމްރީނާއި ތެރަޕީގެ އެހީތެރިކަމާއެކު މުޖުތަމައުގެ އެހެން ފަރުދުންނާ އެއް ހަމައެއްގައި އުޅެ ދިރިއުޅުމުގެ ޒިންމާތައް އުފުލައި މުޖުތަމައުގައި އަބުރުވެރި ދިރިއުޅުމެއް އާއިލާތަކާއެކު އުޅުމުގެ ފުރުސަތު ހޯދައި ދިނުމަށް ވެސް ގިނަމަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ ވަނީ އެމަރުކަޒުގައި އަލަށް ފަށަން ހަމަޖެހިފައިވާ ތަމްރީނު ޕްރޮގްރާމުތަކެއް އިފްތިތާހު ކޮށްދެއްވާފައެވެ. މީގެ ތެރޭގައި ކުރެހުމުގެ ކޯހަކާއި ސްކްރީން ޕްރިންޓިން ކޯހަކާއި، ފަހާ ކޯހެއް އަދި ކައްކާ ކޯހެއް ހިމެނެއެވެ.

މީގެ އިތުރުން ދާދި ފަހުން އެ މަރުކަޒުގައި އާއިލާތަކަށް ހަވާލުކުރުމަށް ތައްޔާރުވެފައި ތިބި، ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ޕޮލިޓެކްނިކާއި ގުޅިގެން ކުރިއަށް ގެންދިޔަ ބޭސިކް ކޭކް ޑެކަރޭޝަން ކޯސް ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކުރުން ވެސް ވަނީ ބާއްވާފައެވެ. އަދި މަރުކަޒަށް 20 އަހަރު ހިދުމަތް ކުރައްވާފައިވާ 18 ފަރާތަކަށް ވަނީ ހަނދާނީ ޝީލްޑުު ވެސް ހަވާލުކޮށްފައެވެ.

އެ މަރުކަޒުގައި ދެވޭ ފަރުވާއާއި ކުރިއަށް ގެންދާ އެންމެހައި ހަރަކާތްތަކުގެ އެންމެ މުހިންމު މަގުސަދަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ފަރުވާ ހޯދަމުން އަންނަ ކޮންމެ ފަރާތަކީ އަބުރުވެރި، އުފާވެރި، އަދި އަމިއްލަ މިނިވަންކަމާއެކު ދިރިއުޅުމުގެ ފުރުޞަތު ލިބިގެންވާ ފަރާތަކަށް ހެދުމެވެ. އަދި އެފަދަ ކޮންމެ ފަރާތަކަށް ވެސް އެފަރާތްތަކުގެ އާއިލާއާއެކު މުޖުތަމައުގައި ހަމަޖެހޭ، ރީތި ދިރިއުޅުމެއް، ބާކީކުރުމެއް އަދި ތަފާތުކުރުމެއް ނެތި އުޅުމުގެ ފުރުސަތު ހޯދައިދިނުމެވެ.

ކިޔުންތެރިންގެ ހިޔާލު