މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވައިފި

4 months ago

އަފްރާހް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އިންޑިއާ ސަރުކާރުގެ ކައުންސިލު އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު ދެއްވި ދައުވަތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގަބޫލުފުޅު ކުރައްވައިފިއެވެ.


މި ރަސްމިއްޔާތަށް ވަޑައިގެންނެވުމަށް އެމަނިކުފާނަށް ދައުވަތު ދެއްވައި، ފޮނުއްވި ސިޓީފުޅު ރައީސް އަށް އެރުވީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު، ރައީސްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި އިންޑިއާ ސަފީރު ވަނީ އިންޑިއާގެ ބޮޑުވަޒީރުގެ ހެޔޮއެދުންތައް ފޮނުއްވައި ތިންވަނަ ދައުރަކަށް ބޮޑުވަޒީރުކަމުގެ މަގާމުގެ ހުވާކުރެއްވުމުގެ މުހިންމު ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.


މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ބޮޑުވަޒީރު މަގާމުގެ ހުވާކުރެއްވުމުގެ ތާރީޚީ ރަސްމިއްޔާތަށް ވަޑައިގެންނެވުމަކީ އެމަނިކުފާނަށް ލިބިވަޑައިގަންނަވާ ޝަރަފެއްކަމުގައި ވިދާޅުވެފައެވެ. އަދި ދައުވަތު އެރުވީތީ ޝުކުރު އަދާކުރައްވާފައެވެ.


މީގެއިތުރުން ދެގަައުމުގެ ދެމެދު އޮންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އެދިވަޑައިގަންނަވާކަމުގައި ވެސް ވިދާޅުވިއެވެ. އަދި ދެގައުމުގެ ގުޅުން ކުރިޔަށްދަނީ ރަނގަޅު މިސްރާބަށްކަން މި ދަތުރުފުޅުން ރަމްޒުކޮށްދޭކަމުގައި އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.


އިންޑިއާގެ ބޮޑުވަޒީރުގެ ސިޓީފުޅު އެމަނިކުފާނަށް ރައްދުކޮށްދެއްވި ކަމަށްޓަކައި ރައީސް ވަނީ އިންޑިއާ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު