މާރެސް އިންވިޓޭޝަން ވޮލީ މުބާރާތް މި މަހު 15 ގަ ފަށަނީ

5 months ago

އަފްރާހް

ބ. މާޅޮހުގައި އުފައްދާފައިވާ ޖަމިއްޔާއެއް ކަމުގައިވާ މާޅޮސް ރެކްރިއޭޝަން އެންޑް އެންވަޔަރްމެންޓް ސޮަސައިޓީ (މާރެސް) އިން ބާއްވާ އިންވިޓޭޝަން ވޮލީ މުބާރާތް މި މެއި މަހުގެ 15 ގައި ފެށުމަށް ނިންމައިފިއެވެ.


މިއީ އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހައި ރަށްތަކަށާއި ރިސޯޓުތަކަށް ހުޅުވައިލައިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.


މިއަހަރުގެ މުބާރާތުގައި ފަސް ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ ދުސިއްތާނީ މޯލްޑިވްސް، ޓީމު މާޅޮސް، ރޯޔަލް އައިލެންޑް، ފިނޮޅު ބ. އެޓޯލް މޯލްޑިވްސް އަދި ޓީމު ފުޅަދޫ އެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ކުޅެ، އެންމެގިނަ ޕޮއިންޓު ހޯދާ ދެޓީމު ފައިނަލުގައި ކުޅޭގޮތަށް ތާވަލުކޮށްފައިވާ މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ މެއި 20 ވަނަ ދުވަހުއެވެ.


މެއި 15 ވަނަ ދުވަހުގެ ރޭ ކުޅޭ ފުރަތަމަ މެޗުގައި އެރޭ 8:15 ގައި ބައްދަލުކުރާނީ ޓީމު މާޅޮސް އަދި ރޯޔަލް އައިލެންޑެވެ. ދެވަނަ މެޗުގައި އެރޭ 10:15 ގައި ވާދަކުރާނީ ދުސިއްތާނީ އާއި ފުޅަދޫ އެވެ.


މި މުބާރާތުގައި ކޮންމެ ރެޔަކު ވެސް ދެ މެޗު ކުޅުމަށް ވަނީ ތާވަލުކޮށްފައެވެ. މުބާރާތް ކުރިއަށްދާނީ އެރަށު ވޮލީ ކޯޓުގައެވެ.


މާރެސް އިން މި މުބާރާތް ބާއްވަމުން އަންނަނީ އެރަށާއި އަތޮޅުގައި ތިބި ވޮލީ ކުޅުންތެރިންގެ ހުނަރު ދައްކައިލާ، މުބާރާތްތަކުގައި ބައިވެރިވެ، ތަޖުރިބާ ހޯދައިދިނުމުގެ މަގްސަދުގައެވެ.


މި މުބާރާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހުނަރުވެރިންގެ ކުޅުން ފާއިތުވެދިޔަ މުބާރާތްތަކުގައި ވަނީ ފެނިފައެވެ. އެގޮތުން ރާއްޖޭގެ ގައުމީ ވޮލީ ޓީމުގައި ހިމެނޭ ކުޅުންތެރިންނާއި ލަންކާ އަދި އިންޑިއާގެ ހުނަރުވެރި ކުޅުންތެރިން ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު