ބޮޑުވަޒީރު މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުއިއްޒު ބައިވެރިވެވަޑައިގެންފި

4 months ago

އަފްރާހް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންފިއެވެ.


މި ރަސްމިއްޔާތު ބާއްވާފައިވަނީ އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި ހުންނަ އެ ގައުމުގެ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައެވެ.


މޯދީއަކީ އެގައުމުގެ ކުރީގެ ބޮޑުވަޒީރެއްކަމުގައިވާ ޖަވާހަރްލާލް ނެހްރޫއަށްފަހު، ތިން ވަނަ ދައުރަކަށް އެގައުމުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާ ފުރަތަމަ ބޮޑުވަޒީރެވެ.


ބޮޑުވަޒީރުގެ މަގާމުގެ ހުވައި ލައިދެއްވީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއެވެ.


މި ރަސްމިއްޔާތުގައި އިންޑިއާގެ އަވަށްޓެރި ޤައުމުތަކުގެ އިސްވެރިން ހިމެނޭހެން އެކި ގައުމުތަކުގެ އެތައް ހާސް ޢިއްޒަތްތެރީންނެއް ބައިވެރިވެވަޑައިގެންނެވިއެވެ.


ހުވާކުރުމުގެ މި ރަސްމިއްޔާތަށްފަހު، ރައީސް އިންޑިއާގެ ބޮޑުވަޒީރާއި މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ގައުމުތަކުގެ އިސްވެރިންނާއެކު ނެންގެވި ހަނދާނީ ފޮޓޯފުޅުގައި ބައިވެރިވެވަޑައިގެންފައެވެ. 


ކިޔުންތެރިންގެ ހިޔާލު