ތިބާ ދުވާލަކު ބޮނީ ކިތައް ތަށި ކޮފީ؟

5 months ago

އޮއިވަރު

ކޮފީއަކީ ގިނަ މީހުންނަށް އެއާ ނުލައި، ދިރި ހުރުން އުނދަގޫ އެއްޗެކޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.


ކޮންމެ ދުވަހެއްގެ ހެނދުނު ތެދުވެ، ކޮފީއެއް ނުބޮއެފިނަމަ ދުވަހުގެ ތާޒާކަން ނާންނަކަމަށް ބުނާ މީހުން ވެސް މަދެއް ނޫނެވެ. އަދި ކޮފީ ނުބޮއެފިނަމަ، މޫޑު އޮފްވެ، މަސައްކަތް ކުރުމަށް ކަންނެތްވާ ކަމަށް ވެސް ބުނާ މީހުން ގިނައެވެ.


އޮފީހުގެ ރަސްމީ ގަޑީގައި ދޭތެރެދޭތެރެއިން ކޮފީއެއް ޖަހައިނުލައިފިނަމަ، މަސައްކަތުގެ ސްޕީޑު ދަށްވާ ކަމަށާއި ރުޅިގަދަވާ ކަމަށް ވެސް ބައެއް މީހުން ބުނާއިރު، ކޮފީ އާއި ގުޅިގެން ކޮންމެވެސް ވަރެއްގެ ޚިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދިފައެވެ.


އެގޮތުން ކޮފީއަކީ ސިއްހީ ފައިދާތަކުން ފުރިފައިވާ އެއްޗެއްކަމަށް ބައެއް މީހުން ބުނާއިރު، އަނެއްބައި މީހުން ބުނަނީ އެއީ އެއްގޮތަކަށް ވެސް ބޯން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށެވެ.


ކޮންމެއަކަސް ކޮފީ އަކީ އެންޓިއޮކްސިޑެންޓް ގިނައިން އެކުލެވޭ އެއްޗަކަށް ވާއިރު، ބައެއް ދިރާސާތަކުން ދައްކާފައިވަނީ ކޮފީ ބުއިމަކީ ދުޅަހެޔޮ ސިއްހަތެއްގައި، ދިގު މުއްދަތަކަށް ދެމިހުރުމަށް ބާރުލިބޭ އެއްޗެއް ކަމަށެވެ. އަދި ކޮފީ އަކީ ރިސްކް ޓައިޕް 2 ހަކުރުބައްޔާއި ޕާކިންސަން އާއި އަލްޒައިމާ ފަދަ ބަލިތައްފަދަ ތަފާތު ބަލިތައް ޖެހުމުން ރައްކާތެރިކަން ލިބޭ އެއްޗެއް ކަމަށް ވެސް ބުނެއެވެ.


އެގޮތުން އެންމެ ފައިދާ ބޮޑީ ކަޅު ކޮފީކަމަށް ވެސް ދިރާސާތަކުން ދައްކައެވެ. އަދި އެންމެ ފައިދާ ބޮޑީ ދުވާލަކަށް ތިނެއް ނޫނީ ހަތަރު ތަށި ބުއިން ކަމަށް ދިރާސާތަކުން ހާމަވެފައިވީނަމަވެސް މާބަނޑު މީހުން ކޮފީ ބުއިން މަދުކުރުމަށް ނުވަތަ ހުއްޓައިލުމަށް ދިރާސާކުރާ ފަރާތްތަކުން ނަސޭހަތްތެރިވެއެވެ.


ކޮފީ އަކީ ވެސް ވަރަށް ގިނައިން ކެފެއިން އޭގައި އެކުލެވޭ އެއްޗަކަށްވާއިރު، ބައެއް ސިއްހީ ފަރާތްތަކުން ލަފާދެނީ އެންމެ ރަނގަޅު ގޮތަކީ ކޮފީ އާއި އެފަދަ ކެފެއިން ހުންނަ ބުއިންތަކާއި ދުރުވުން ކަމަށެވެ. އަދި މާގިނައިން ކެފެއިން ބޭނުންކުރުމުން ނިދި ނުލިބުމާއި ހިތުގެ މައްސަލަތައް ފަދަ ސިއްހީ މައްސަލަތައް ކުރިމަތިވެދާނެ ކަމަށް އެފަރާތްތަކުން ދަނީ ބުނަމުންނެވެ.


އެހެންކަމުން ކޮފީ ވެސް ބޯންވާނީ ވަކި މިންވަރަކަށް ކަމަށް އެފަރާތްތަކުން ބުނާއިރު، އެންމެރަނގަޅު ގޮތަކީ ނުވަތަ އެންމެ ރައްކާތެރި އަދި ސިއްހަތަށް ފައިދާހުރި ގޮތަކީ ދުވާލަކު ތިނެއް ނޫނީ ހަތަރު ތަށި ކޮފީ ބުއިން ކަމަށް ގިނަ މާހިރުން ވަނީ އިއްތިފާގުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު