އޮލިމްޕިކްގައި ރާއްޖޭގެ ޗެފް ޑި މިޝަންއަކީ އަލީ ރަޝީދު

4 months ago

އަފްރާހް

މިއަހަރުގެ އޮލިމްޕިކްސް ގޭމްސްގައި ރާއްޖޭގެ ޗެފް ޑި މިޝަންއަކަށް ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) ގެ ރައީސް އަލީ ރަޝީދު (އައްޔަ) ހަމަޖައްސައިފިއެވެ.


ޕެރިހުގައި އޮންނަ މި މުބާރާތުގައި މިއަހަރު ރާއްޖެއިން އޮލިމްޕިކްސްއަށް ދާ ކޮންޓިޖެންޓުގެ ހުރިހާ ކަމެއްގެ ޒިންމާ ނަގައިގެން ކަންކަން ހަމަޖައްސަން ޖެހޭނީ އައްޔަގެ ބެއްލެވުމުގެ ދަށުންނެވެ.


މޯލްޑިވްސް އޮލިމްޕިކް ކޮމެޓީގެ މެމަބރެއްގެ ގޮތުގައި ވެސް ހުންނެވި އައްޔަ މިހާރު ގެންދަވަނީ ޓީޓީ އެސޯސިއޭޝަންގެ ރައީސްކަމުގައި ދެވަނަ ދައުރެއް ފުރިހަމަ ކުރައްވަމުންނެވެ.


އޮލިމްޕިކްސްގައި ރާއްޖެއިން މިއަހަރު ބައިވެރިވާ ކޮންޓިޖެންޓަކީ މިހައިތަނަށް ރާއްޖެއިން އޮލިމްޕިކްސްއަށް ދާ އެންމެ ބޮޑު ކޮންޓިޖެންޓެވެ.


މިއަހަރު ރާއްޖެއިން ހަތަރު ކުޅިވަރެއްގައި ވާދަކުރާއިރު، ޓޭބަލް ޓެނިހުން ފުރުސަތު ހޯދީ ކޮލިފައިވެގެންނެވެ. އޮލިމްޕިކްސްއަށް ކޮލިފިކޭޝަނެއް ކާމިޔާބުކޮށް، ފުރަތަމަ ކޮލިފައިވި ދިވެހި އެތުލީޓްގެ ޝަރަފު ހޯދީ އުމުރުން އެންމެ 16 އަހަރުގެ ފާތިމަތު ދީމާ އަލީއެވެ.


އޮލިމްޕިކްސްގައި ބެޑްމިންޓަނުން ވާދަކުރަނީ ފާތިމަތު ނަބާހާއެވެ. އޭނާ އަކީ ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި ވާދަކުރާ ފުރަތަމަ ދިވެހި އެތުލީޓެވެ. އެތުލެޓިކްސް އިން މި ފަހަރުގެ އޮލިމްޕިކްސްގައި ވާދަކުރާނީ ޖެމެއިކާގައި ޓްރެއިނިންގ ފުރިހަމަ ކުރަމުން އަންނަ އިބާދުﷲ އާދަމެވެ.


މީގެއިތުރުން ސްވިމިންގ ގައި ވެސް ބައިވެރިވުމުގެ ތައްޔާރީތައް ވަމުން އައިނަމަވެސް، ސްކޮޑު އެކުލަވާލާފައެއް އަދިނުވެއެވެ.


ކިޔުންތެރިންގެ ހިޔާލު