ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި އާއިލާއާ ބެހޭ މިނިސްޓްރީން ބައިވެރިވެއްޖެ

4 months ago

އަފްރާހް

އިންޑިޔާގެ ނިޔުދިއްލީގައި، އުމުރުން ދުވަސްވުމުގައި ދުޅަހެޔޮކަން ކަށަވަރުކުރުމުގެ މަޝްވަރާތައް ކުރިޔަށްދިޔަ ސައުތު އީސްޓް އޭޝިއާގެ ސަރަހައްދީ ބައްދަލުވުމުގައި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމެންޓުން ބައިވެރިވެއްޖެއެވެ.


މި ބައްދަލުވުމުގައި އެ މިނިސްޓްރީގެ ފަރާތުން ބައިވެރިވީ އެލްޑަރލީ ރައިޓްސް އެންޑް ވެލްބިއިންގ ސެކްޝަނުގެ ފަރާތުން ވަޒީރުގެ ނާއިބު އާމިނަތު އިސްމާއިލްއެވެ. އަދި ހެލްތު މިނިސްޓްރީގެ މަންދޫބުން ވެސް ބައިވެރިވަޑައިގެންނެވިއެވެ.


މި ބައްދަލުވުމުގައި ބައިވެރިވި ޓީމުން ވަނީ އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ރާއްޖޭގައި އެކުލަވާލެވިފައިވާ އެކި ސިޔާސަތުތަކާއި އިސްރަށްވެހިންނަށް ފޯރުކޮށްދެވޭ ތަފާތު ޚިދުމަތްތަކާއި ގުޅޭ ގޮތުން ހުށަހެޅުމެއް ހުށައަޅާފައެވެ.


މިއީ ޑަބްލިއު.އެޗް.އޯ އިން އިންތިޒާމުކޮށްގެން މި ޖޫން މަހުގެ 12 އިން 13 އަށް ކުރިއަށްގެންދާ ބައްދަލުވުމެކެވެ.


މި ބައްދަލުވުމުގައި އިސްރަށްވެހިންނަށް ހާއްސަ ސިޔާސަތުތައް އެކުލަވާލުމުގައި މުހިންމުކަންދޭންޖެހޭނެ ކަންކަމާއި އެފަރާތްތަކުގެ ދުޅަހެޔޮކަން ކަށަވަރު ކުރުމުގައާއި އެފަރާތްތަކަށް ހާއްސަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި ގުޅޭގޮތުން މައުލުމާތު ހިއްސާކުރާނެއެވެ.


މީގެއިތުުރުން މި ކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް މި ބައްދަލުވުމުގައި ބައިވެރިވި 10 ގައުމުގެ މި ދާއިރާގެ ތަޖުރިބާތައް ވަނީ ހިއްސާކޮށްފައެވެ.


މި ބައްދަލުވުމުން ހާސިލްކުރުވޭ އެންމެ މުހިންމު ކަމަކަށް ވާނީ އިސްރަށްވެހިންގެ ދުޅަހޮޔޮކަމާއި ބެހޭ ސަރަހައްދީ އޮނިގަނޑެއް އެކުލަވާލުމެވެ.


އިސްރަށްވެހިންނަކީ މުޖުތަމައުގައި އުފާވެރި، ދުޅަހެޔޮ، އަބުރުވެރި، ރައްކަތެރި އަދި މުޖުތަމަޢުގެ ކޮންމެ ކަމެއްގައި އެ ފަރަތްތަކުގެ ބައިވެރިވުން އޮތް ދިރިއުޅުމެއް އުޅޭ ބަޔަކަށް ހެދުމަށް އަދުގެ ސަރުކާރުން ނުހަނު ބޮޑު އިސްކަމެއް ދެއްވައެވެ.


މިކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ޖެންޑަރ މިނިސްޓްރީން ގެންދަވަނީ ގިނަ އަދި ބުރަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. 


ކިޔުންތެރިންގެ ހިޔާލު