އިންސާނުން ބައިބައިކޮށް، ފިތުނަވެރި ކުރުވުމަކީ ޝައިތާނާގެ މަގުސަދެއް

4 months ago

އަފްރާހް

އިންސާނުން ބައިބައި ކުރުވުމާއި އިންސާނުން ފިތުނަވެރި ކުރުވުމަކީ ޝައިތާނާގެ މަގުސަދެއް ކަމުގައި ޙައްޖު ޚުޡުބާގައި ހަނދާންކޮށްދީފިއެވެ.


އެ މަގުސަދު ހާސިލްވިޔަ ނުދިނުމަށް ޚުތުބާގައި އިސްލާމީ އުއްމަތަށް ވަނީ ގޮވައިލައްވާފައެވެ.


މީގެއިތުރުން މެދުމިނުގެ އިސްލާމްދީން ދަސްކޮށްދީ، އިންސާނިއްޔަތުގެ މެދުގައި ގާތްކަމާއި އެއްބައިވަންތަކަމާއި އެއްބާރުލުން އިތުރުކުރުމަށް ހިތްވަރު ދިނުމަށް ވެސް ވަނީ ގޮވައިލައްވާފައެވެ.


މިއަހަރުގެ ހައްޖު ޚުތުބާގެ ތަރުޖަމާ 50 ބަހަކުން އިވޭނެ އިންތިޒާމު ސައުދީ ސަރުކާރުން ވަނީ ހަމަޖައްސަވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ގާތްގަނޑަކަށް ބިލިއަނަކަށް ވުރެ ގިނަ މީހުންނަށް ޚުތުބާ އިން ދޭ ނަސޭހަތްތައް ތަރުޖަމާ ވެގެންދާނެއެވެ.


ރާއްޖެއިން މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރުމަށް 1150 މީހުން މައްކާއަށް ގޮސްފައިވާއިރު، މީގެތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅުގެ ތެރެއިން ފަގީރުންގެ ދަފްތަރުގައި ހިމެނޭ 1000 މީހުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ހައްޖަށް ފޮނުވުމަށް ވެވަޑައިގެންނެވި ވަޢުދުގެ ދަށުން ފޮނުވި 50 މީހުންވެސް ހިމެނެއެވެ.


އެމީހުން ހައްޖަށް ފޮނުވާފައިވަނީ ސަރުކާރުގެ ޚަރުދުގައެވެ.


މިއަހަރު ދިވެހި ހައްޖު ވެރިންގެ އިސްވެރިއެއްގެ ގޮތުން އަމީރުލް ޙައްޖުގެ ގޮތުގައި ސަރުކާރުން ފޮނުއްވީ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢިލް ޝަފީޢުއެވެ. އަދި އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް ވެސް މިއަހަރުގެ ދިވެހި ހައްޖު މިޝަންގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ. 


ކިޔުންތެރިންގެ ހިޔާލު