ރާއްޖެއަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ޗައިނާ އިން އޮޅުންފިލުވައިފި

4 months ago

އަފްރާހް

ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް ޗައިނާ އިން އޮޅުންފިލުވައިފިއެވެ.


މި ދާއިރާތައް އޮޅުން ފިލުވާފައިވަނީ ޗައިނާ އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހަރ އެކްސެލެންސީ ވަން ލިޒިން، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައެވެ.


ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅު މުލީއާގޭގައި ޖޫން 15 ވަނަ ދުވަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ޗައިނާ ސަފީރު ވަނީ ރައީސްގެ އުފަންދުވަހުގެ މުނާސަބަތުގައި އެމަނިކުފާނަށް ޗައިނާގެ ރައްޔިތުންގެ ނަމުގައާއި އެގައުމުގެ ރައީސް ޝީ ޖިންޕިންގެ ނަންފުޅުގައި ފޮނުއްވި ތަހުނިޔާގެ ސިޓީފުޅެއް އަރުވާފައެވެ.


މި ސިޓީފުޅުގައި ޗައިނާގެ ރައީސްވަނީ ރައީސް ޑރ. މުއިއްޒުއަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ އާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ދެޤައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، ޗައިނާ-މޯލްޑިވްސް ކޮމްޕްރިހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޓިވް ޕާޓްނަރޝިޕް އިތުރަށް ހަރުދަނާކުރެއްވުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.


މީގެއިތުރުން ދެ ގައުމު ރައްޔިތުން ގުޅިގެން ބިނާކުރަނިވި މުސްތަޤްބަލެއް ގާއިމުކުރުމުގެ ޝައުގުވެރިކަން ވެސް މި ސިޓީފުޅުގައި ފާޅުކުރައްވާފައިވެއެވެ.


ޗައިނާގެ ސަފީރުގެ އަތްޕުޅުން މިސިޓީފުޅު ރައްދުކޮށްދެއްވި ކަމަށްޓަކައި ޝުކުރު އަދާކުރައްވައި، މި ސިޓީ ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ކަމުގައި ރައީސް ވަނީ ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ އުފަންދުވަހަކީ ވެސް ޖޫން 15 ކަމަށްވާތީ، އެމަނިކުފާނަށް ރައީސް ލިޔުއްވާފައިވާ މެސެޖް ރައްދުކޮށްދެއްވުން އެދި ޗައިނާގެ ސަފީރާ ޙަވާލުކުރައްވާފައެވެ.


މި މެސެޖުގައި ވަނީ އެމަނިކުފާނާއި ދިވެހި ރައްޔިތުންގެ ފަރާތްޕުޅުން ޗައިނާގެ ރައީސަށް އުފާވެރި އުފަންދުވަހަކަށް އެދިވަޑައިގެން ތަހުނިޔާ ކިޔުއްވައިފައެވެ.


މި ބައްދަލުކުރެއްވުމުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިމަގުގައި ތަރައްގީއަށްޓަކައި ކުރަން ހުރި މަސައްކަތްތަކާ ބެހޭގޮތުން ވެސް ޚިޔާލުބަދަލުކުރެއްވިއެވެ.


މީގެއިތުރުން ޗައިނާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް އެގައުމުން އިތުރު އެހީތެރިކަން ފޯރުކޮށްދެއްވާނެކަން ފާހަގަކުރައްވައި، ދިވެހި ސަރުކާރަށް އިތުރު އެހީތެރިކަން ބޭނުންވާ ދާއިރާތައް އޮޅުންފިލުއްވާފައިވެއެވެ.


މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ ކުރިއަށް އޮތްތަނުގައި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނޭކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތްކަމަށް ދެ ބޭފުޅުން ވެސް ވިދާޅުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު