އޮޕަރޭޝަން އަޟްހާ ފަށައިފި

4 months ago

އަފްރާހް

އޮޕަރޭޝަން އަޟްހާ ފަށައިފިއެވެ.


މިއީ ކޮންމެ އަހަރެއްގެ ވެސް އަޟްހާ އީދު ބަންދާއި ދިމާކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ.


މި އޮޕަރޭޝަންގެ މަގްސަދަކީ އީދު ބަންދު ދުވަސްވަރަކީ ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާއި ޕަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމެވެ.


އެމްއެންޑީއެފް އިން ވިދާޅުވީ މި އޮޕަރޭޝަން މިމަހުގެ 13 އިން 21 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ. އަދި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ބަލާނެ ކަމަށެވެ.


އޭގެތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލާނެއެވެ.


މި އޮޕަރޭޝަނުގައި މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވެސް ބައިވެރިވާއިރު، އުޅަނދުފަހަރުތަކުގައި ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ސަރަހައްދުގައާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ވެސް ހަރަކާތްތެރިވާނެއެވެ.


މިގޮތުން، މާލޭ ސަރަހައްދުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާނެއެވެ.


ހަމަމިއާއެކު ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު