މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަމަ، އެންމެހާ ފަސާދަތައް ނެތިހިނގައިދާނޭ: ހުތުބާ

6 months ago

އަފްރާހް

ކޮންމެ ބަޔަކުވެސް އެ ބަޔަކަށް މާތް ﷲ ޙަވާލުކުރައްވައިފައިވާ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކުރާނަމަ، މި ދުނިޔެއިން އެންމެހާ ފަސާދަތައް ނެތިހިނގައިދާނޭކަމަށް އަޟްހާ ޢީދު ޚުތުބާގައި ބުނެފިއެވެ.


ހުތުބާގައި ބުނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިޢުމަތަކީ، އެ ގައުމުގެ އަހުލުވެރީންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާޚިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުންކަމަށެވެ.


މީގެއިތުރުން ގައުމަކަށް ލިބޭނެ ބޮޑު އަނެއް ނިޢުމަތަކީ، އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ ގައުމަކަށްވުން ކަމަށާއި އެ ގައުމުގެ އަހުލުވެރީންނަކީ އުފާ ފާގަތިކަން ލިބިފައިވާ ބަޔަކަށް ވުންކަމަށް ވެސް ވަނީ ބުނެފައެވެ.


އަޟްހާ އީދު ހުތުބާގައި ބުނީ މި ކަންކަން ޙާޞިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެން ކަމަށެވެ. އަދި ޚިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިޙްތިރާމުކޮށް، އަމިއްލަ މަޞްލަޙަތުގެ ބަދަލުގައި، ދީނާއި، ވަޠަނުގެ މަޞްލަޙަތު އިސްކުރުން މުހިންމު ކަމަށް ވެސް ބުނެފައިވެއެވެ.


އިސްލާމްދީނަކީ ޢިއްޒަތްތެރިކަން ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަރަށް ނިކަމެތިވެފައިވާކަން ފާހަގަކޮށް ހުތުބާގައި ވަނީ ފަލަސްޠީނުގެ ރަފަޙާއި، ޣައްޒާއާއި، އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ހިނދުވެސް، މި ބޮޑު އުންމަތް، އެ ލޮބުވެތި އަޚުންނާއި އުޚުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވާކަން ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު