ހަތިޔާރު ގިނަކުރަން ގައުމުތަކުން ދަނީ ވާދަކުރަމުން: ރައީސް ނަޝީދު

4 months ago

އަފްރާހް

ހަތިޔާރުގިނަ ކުރަން ގައުމުތަކުން ދަނީ ވާދަކުރަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ މީސްމީޑިއާގެ މަންސައެއް ކަމުގައިވާ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ.


ރައީސް ނަޝީދުގެ ޕޯސްޓުގައި ވަނީ ދުނިޔޭގެ އަސްކަރީ ބޮޑެތި ބާރުތަކުން އާންމުން އަސްކަރީ ހިދުމަތުގައި މަސައްކަތް ކުރުމަށް މަޖުބޫރު ކުރުވަމުން ދާ ކަމަށެވެ. އަދި ގައުމުތަކުން ދިފާއީ ކަންކަމަށް ކުރާ ހޭދަ ވެސް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.


މީގެއިތުރުން ހަތިޔާރު ގިނަ ކުރަން ގައުމުތަކުން ވާދަކުރާކަން ފާހަގަކުރައްވައި ވިދާޅުވީ ދުނިޔޭގެ ކަންކަން ބަދަލުވަމުންދާ ގޮތުން މިސްރާބު ހުރީ ތިންވަނަ ބޮޑު ހަނގުރާމައަށް ކަމުގެ ބިރު އެބައޮތް ކަމަށެވެ.


ހަމަމިއާއެކު ނަސްލީ ތަފާތުކުރުމާއި އެންޓީ އިމިގްރޭޝަން އިތުރުވަމުން އަންނަކަމުގެ ކަންބޮޑުވުން ވެސް ވަނީ ފާޅުކުރައްވާފައެެވެ. އަދި އެ ހުރިހައި ކަމަކާއެކު މޫސުމީ ބަދަލުތަކުގެ ކަނބޮޑުވުން ވެސް ފާހަގަކުރެއްވިއެވެ.


އެމްޑީޕީ އުފެއްދުމުގެ އިސްސަފުގައި ހުންނަވައި، ކުރީގެ ރައީސް މައުމޫންގެ 30 އަހަރުވީ ވެރިކަން ރާއްޖެއިން ބަދަލުކުރައްވައި، ގިނަ ޕާޓީތަކެއް އެކުލެވޭ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރެއްވީ ރައީސް ނަޝީދެވެ. އަދި މަލްޓިޕާޓީ ނިޒާމުގެ ތެރެއިން ފުރަތަމަ އިންތިހާބުވެވަޑައިގެންނެވި ރައީސް އަކީ ވެސް އެމަނިކުފާނެވެ.


އެހެންނަމަވެސް ރާއްޖޭގެ ވެރިކަން ދެވަނަ ފަހަރަށް އެމްޑީޕީން ކާމިޔާބުކުރުމަށްފަހު، ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަމުގެ ފަސްއަހަރު ނިމުމާއި ގާތަށް ގޮސްފައިވަނިކޮށް އެމްޑީޕީގެ އެތެރޭގައި ދިމާވި ޚިޔާލުތަފާތުވުން ތަފާތުވުމުގެ ސަބަބުން 'ދަ ޑިމޮކްރެޓްސް' ގެ ނަމުގައި ރައީސް ނަޝީދު އިސްހުންނަވައި ވަނީ ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.


ދިވެހި ސިޔާސީ މަސްރަހުން ވަގުތީ ގޮތުން ދުރަށްޖެހިވަޑައިގެން އެމަނިކުފާނު މިހާރު ހުންނަވަނީ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކެޓަރީ ޖެނެރަލްކަން ކުރައްވަން ގާނާގައެވެ.


ކިޔުންތެރިންގެ ހިޔާލު