އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމަކީ ގައުމީ ތަރައްގީއަށް އެޅިދާނެ ހުރަހެއް

4 months ago

އަފްރާހް

އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ނުހޯދިއްޖެނަމަ ގައުމީ ތަރައްގީއަށް އެޅިދާނެ ހުރަހެއް ކަމަށް ސޯޝަލް އެންޑް ފެމެލީ ޑިވެލޮޕްމެންޓު މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.


ޕީއެސްއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އެކަމަނާ ވަނީ އުފަންވާ ކުދިންގެ އާބާދީ ދަށަށް ދިޔުމުގެ މައްސަލައަށް ހައްލެއް ހޯދުމަށް މިހާރު ލިބިފައިވާ ހަނި ފުރުސަތެއްކަން ފާޙަގަކުރައްވާފައެވެ. އަދި އެ ފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ނުހިފިއްޖެނަމަ އެއީ، ގައުމީ ތަރައްގީއަށް އެޅިގެންދާނެ ހުރަހެއްކަން ފާހަގަކުރެއްވިއެވެ.


ރާއްޖޭގައި އުފަންވާ ކުދިންގެ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށަށް ގޮސްފައިވާ ކަމަށާއި ރާއްޖޭގައި ވަރަށް އަވަހަށް މިކަމާއި ގުޅިގެން ގައުމީ ފެންވަރުގައި ޢަމަލު ކުރަންޖެހޭ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާކުރަންޖެހޭކަމަށް ވިދާޅުވިއެވެ.


އެކަމަނާ އިތުރަށް ވިދާޅުވީ މި މައްސަލައަކީ ދުނިޔޭގެ އެހެނިހެން ގައުމުތަކަށް ވެސް ކުރިމަތިވެފައިވާ ކަމެއް ކަމަށެެވެ. އަދި އެ ގައުމުތަކުން ވެސް މިހާރު އެކަންކަމަށް ފިޔަވަޅު އަޅަމުން އަންނަކަމަށެވެ.


އެގޮތުން އުފަންވާ ކުދިންނަށް އެކި ކަހަލަ އިނާޔަތްތައް ދެމުން އަންނަކަން ފާހަގަކުރައްވައި، ވަޒީފާއަށް ދާ މީހުންގެ ކުދިން ބެލޭނެ އިންތިޒާމުތައް ވެސް ގައުމުތަކުގައި ހަރުދަނާކުރަމުން އަންނަކަން ފާހަގަކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު