އަބްދުލްހަންނާން އަވަހާރަވުމަކީ ގައުމަށް ލިބުނު ފުން ހިތާމައެއް: ރައީސް

4 months ago

އަފްރާހް

ޢަބްދުލްޙަންނާން ޙަލީމް އަވަހާރަވުމަކީ، ޤައުމަށް ލިބުނު ވަރަށް ފުން ހިތާމައެއް ކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.


އެމަނިކުފާނު މިފަދައިން ވިދާޅުވީ ކުރީގެ ރައީސް، އަލްމަރްޙޫމް އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނ.ޣ.ޢ.ވ ގެ ވެރިކަމުގައި، މިނިސްޓަރ އޮފް ޕަބްލިކް ސޭފްޓީގެ މަގާމު (އޭރުގެ ދިފާޢީ ވަޒީރުކަމުގެ މަޤާމު) ޢަބްދުލްޙަންނާން ޙަލީމް ދޮށިމޭނާކިލެގެފާނު އަވަހާރަވުމާ ގުޅިގެން، އެ ކިލެގެފާނުގެ ޢާއިލާއަށް ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައެވެ.


މީސްމީޑިއާ މެދުވެރިކުރައްވައި، ފޮނުއްވި ތަޢުޒިޔާގެ ޓުވީޓުގައި ރައީސް ވަނީ އެ ކިލެގެފާނުގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދިވަޑައިގެންފައެވެ. އަދި މަރުޙޫމްގެ ފުރާނަފުޅު ކީރިތިﷲގެ ރުއްސެވުމާ ފުއްސެވުމުގައި ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވުން އެދި ހެޔޮ ދުޢާ ކުރައްވާފައިވެއެވެ.


ކުރީގެ ރައީސް ނާސިރުގެ ވެރިކަމުގައި ޑިފެންސް މިނިސްޓަރުކަން 10 އަހަރު ފުރުއްވި ޢަބްދުލްޙަންނާން ޙަލީމް ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު، ޖޫން 19 ވަނަ ދުވަހު ޓްރީޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ 87 އަހަރެވެ.


އެ ކިލެގެފާނު ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާފައެވެ.


މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމަށް ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވައި، ދޮށިމޭނާކަމަށް ކޮލި ލެއްވީ 21 އޭޕްރީލް 1975 ގައެވެ. ކިލެގެކަމުގެ ދަރަޖަ ދައުލަތުން ދެއްވި ބޭފުޅުންގެ ތެރެއިން، އެންމެ ފަހަށް ދުނިޔޭގައި ހުންނެވި ބޭފުޅަކީ މަރުޙޫމް ޢަބްދުލްޙަންނާން ޙަލީމެވެ.


ކިޔުންތެރިންގެ ހިޔާލު