ބެލްޖިއަމް އާއި ރާއްޖޭގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް މަސައްކަތްކުރާނަން: ޤީލާ

4 months ago

އަފްރާހް

ރާއްޖެއިން ކިންގްޑަމް އޮފް ބެލްޖިއަމަށް ކަނޑައެޅުއްވި އައު ސަފީރު ޤީލާ ޢަލީ، އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ބެލްޖިއަމްގެ ރަސްގެފާނު ފިލިޕް އަށް އަރުވައިފިއެވެ.


ބެލްޖިއަމްގެ ވެރިރަށް ބްރަސަލްސްގެ ރިޔާސީ ގަނޑުވަރު "ޝަތޫ ދު ލައިކިއެން" ގައި އެކަމަށްޓަކައި ބޭއްވި ރަސްމީއްޔާތަށް ފަހު ދިވެހި ސަފީރަށް ބެލްޖިއަމްގެ ރަސްގެފާނު ވަނީ މަރުހަބާ ދަންނަވާފައެވެ.


މި ބައްދަލުވުމުގައި ޤީލާ ވަނީ ބެލްޖިއަމް ސަރުކާރުން އެކަމަނާއަށް ދެންނެވި ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރަސްގެފާނަށާއި ބެލްޖިއަމްގެ ރައްޔިތުންނަށް ސަފީރު އަރިސްކުރައްވާފައެވެ.


މީގެއިތުރުން ދެގައުމުގެ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކޮށް، ވަރުގަދަ ކުރެއްވުމަށް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަގީންކަން ވެސް ވަނީ ދެއްވާފައެވެ. އަދި ދެ ގައުމުގެ ވެސް މަސްލަހަތު ހިމެނޭ މޫސުމީ ބަދަލުތަކުގެ ދައިރާއިންނާއި ދެމެހެއްޓެނިވި ތަރައްގީގެ ދާއިރާއިންނާއި ފަތުރުވެރިކަމުގެ ދާއިރާއިން ވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް މަޝްވަރާ ކުރެއްވިއެވެ.


މިރަސްމިއްޔާގައި ބެލްޖިއަމްގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ފަސްޓް ސެކެރަޓަރީ މުހައްމަދު ޝައްފާއު އިބްރާހިމް އާއި ސެކަންޑް ސެކެރެޓަރީ ހަސަން ނަވާފު ބައިވެރިވެވަޑައިގެންނެވިއެވެ.


ސިއްހީ އަދި ޚާރިޖީ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ޤީލާ ޢަލީ ޚާރިޖީ ދާއިރާގެ މަސައްކަތް ފެއްޓެވީ، 2015 ވަނަ އަހަރު ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުގެ މިނިސްޓަރ އެންޑް ޗާޖް އެފެއަރސް މަގާމާއެކުގައެވެ.


އެއަށްފަހު އިނގިރޭސި ވިލާތުގައި ހުންނަ ދިވެހި އެމްބަސީގެ މިނިސްޓަރ ކައުންސެލަރގެ މަގާމާއި ޚާރިޖީ ވުޒާރާގެ އެޑިޝަނަލް ސެކެރެޓަރީގެ މަގާމާއި ކޮންސިއުލަރ ސަރވިސަސްގެ ވެރިޔާގެ މަގާމު ވެސް ވަނީ އަދާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު